އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ދުނިޔޭގެ ތަރި ލިއޮނެލް މެސީ ނިންމުމާ ގުޅިގެން، އޭނާ ގައުމަށް ކޮށްދިން އަގުހުރި ހިދުމަތްތަކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، މި ހަފުތާގައި އެ ގައުމުގައި ކުޅޭ ހުރިހާ ފުޓްބޯޅަ މެޗެއްގެ 10ވަނަ މިނެޓުގައި ކުޅުން މެދުކަނޑާލަން އާޖެންޓީނާގެ ފުޓްބޯޅަ އިދާރާއިން ނިންމައިފިއެވެ.
އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަންގެ ތަރުޖަމާނަކު ހާމަކުރެއްވި ގޮތުގައި، މެސީ ބޭނުންކުރި 10ނަންބަރު ޖާޒީ ރިޓަޔާކުރުމަށް ފުރަތަމަ މަޝްވަރާކުރެވުނެވެ. ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ލަފަޔާ އެކު އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުފެނުމުން، އޭގެ ބަދަލުގައި ނިންމީ މެސީގެ ޝަރަފުގައި މެޗުތަކުގެ 10ވަނަ މިނެޓުގައި ކުޅުން ހުއްޓާލައި އޭނާއަށް ހާއްސަ ވަގުތުކޮޅެއް ދިނުމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 21އަހަރު ވަންދެން ކުޅެދީފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ 2022ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، ޖެހިޖެހިގެން ދެ ކޮޕާ އެމެރިކާގެ އިތުރުން ފައިނަލިސިމާ އަދި އޮލިމްޕިކް ރަން މެޑަލް އެ ގައުމަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭނާ ފަދަ އާދަޔާހިލާފު ހުނަރުވެރިއަކު ދުނިޔެއިން ދެން ނުފެންނާނެކަމަށް ފުޓްބޯޅައިގެ ގިނަ ބަޔަކު އިއްތިފާގުވެއެވެ.
މެސީގެ ރިޓަޔަމަންޓާ ގުޅޭގޮތުން ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ، މިއީ މެސީއަށް ނިންމަން ވަރަށް ދަތިވި ނިންމުމެއް ކަމަށެވެ. ގައުމީ ޓީމާ ދުރަށްދާކަން އެންގުމަށް މެސީ އޭނާއަށް ގުޅި ކަމަށާއި، ނަމަވެސް އެ ވާހަކަ ފަށަން އުނދަގޫވެގެން ގާތްގަނޑަކަށް ބައިގަޑިއިރު ހޭދަކުރިކަމަށް ސްކަލޯނީ ކިޔައިދިނެވެ. އަދި އެ ހާލަތުގައި މެސީއަށް ހިތްވަރުދީ ވާހަކަދެއްކިކަން ވެސް ކޯޗު ފާހަގަކުރިއެވެ.
މެސީ ގައުމީ ޓީމާ ވަކިވުމާ ގުޅިގެން، ކޯޗު ސްކަލޯނީ ވެސް އޭނާގެ މަގާމުން އިސްތިއުފާދީފާނެ ކަމުގެ އަޑުތައް މީޑިއާގައި ވަނީ ފެތުރިފައެވެ. އެހެންނަމަވެސް، އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގައި ވެސް ޓީމަށް އިރުޝާދުދިން ކޯޗު މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.