އާޖެންޓީނާގެ މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އޭނާގެ ފުޓުބޯޅަ ވިޔަފާރި ޕޯޓްފޯލިއޯ އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި، ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސީޑީ އެލްޑެންސޭ ގަތުމުގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަކުރަން ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި، ކޮލަމްބިއާގެ ކުންފުންޏެއް ކަމަށްވާ "ޓީއެޗް ސޮލިއުޝަންސް ގްރޫޕް އެސްއޭއެސް"ގެ އަތުގައި އޮތް އެލްޑެންސޭގެ ހުރިހާ ހިއްސާއެއް ގަތުމަށް މެސީ ވަނީ އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އެއްބަސްވުން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2025ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ކޮލަމްބިއާ ގްރޫޕުން ކޮންޓްރޯލް ނަގާފައިވާ ކުލަބެކެވެ. މި މުއާމަލާތް ކާމިޔާބުކަމާ އެކު މުޅިން ނިމޭނީ ސްޕެއިންގެ ހައި ކައުންސިލް ފޯ ސްޕޯޓްސް (ސީއެސްޑީ)ގެ ރަސްމީ ހުއްދަ ލިބުމުންނެވެ.
ދާދި ފަހުން އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ މެސީ، މީގެ ކުރިން އޭޕްރީލް މަހުގެ 16ވަނަ ދުވަހު ވަނީ ސްޕެއިންގެ ފަސްވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޔޫއީ ކޯނެއްޔާ ވެސް ގަނެފައެވެ. މީގެ އިތުރުން، އޭނާ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަރ މަޔާމީގެ ކޮންޓްރެކްޓް ހަމަވުމުން، އެ ކުލަބުގެ ހިއްސާއެއް ވެސް މެސީއަށް ލިބޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސްޕެއިންގެ އެލިކާންޓޭ ޕްރޮވިންސްގެ އެލްޑާއަށް ނިސްބަތްވާ މި ކުލަބަކީ ގާތްގަނޑަކަށް 55،000މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެއްގެ ޓީމެކެވެ. މާޒީގައި ގިނައިން ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ނަމަވެސް، ފަހަކަށް އައިސް ލިބުނު އާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ފާއިތުވި ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނުގައި އެ ޓީމު ކުޅެފައި ވަނީ ދެވަނަ ޑިވިޝަނުގައެވެ.
މިވަގުތު ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން އެންމެ ދެ ޕޮއިންޓް ހޯދައި ތާވަލުގެ ފުލުން ތިންވަނައިގައި އެލްޑެންސޭ އޮތުމާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހު އެ ޓީމުގެ ކޯޗު ކްލައުޑިއޯ ބަރަގާން ވަނީ މަގާމުން ވަކިކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.