ޚާއްޞަ ގޮތެއްގައި ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސަގާފީ ކުޅިވަރެއް ކަމަށްވާ ބައިބަލާ، ރާއްޖެއިން ބޭރުގެ ގައުމެއްގައި ކުޅޭ ފުރަތަމަ ފަހަރުގެ ގޮތުގައި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (މަޑި)ގެ ފަރާތުން އިންތިޒާމުކޮށްގެން މި މަހުގެ 17ވަނަ ދުވަހު މެލޭޝިއާގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
ދިވެހިރާއްޖޭގެ ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން "މަޑި"ޖަމިއްޔާއިން މި މުބާރާތް ފަރުމާކޮށްފައިވަނީ، މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައެވެ. އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ފުޓުބޯޅައާއި ބާސްކެޓްބޯޅަ ފަދަ އާންމު ކުޅިވަރުތަކުގެ މުބާރާތްތައް މީގެ ކުރިން ވެސް ބާއްވަމުން އައި ނަމަވެސް، މުޅިން ތަފާތު އަދި ދިވެހިންގެ އަމިއްލަވަންތަ ކުޅިވަރެއް ބޭރު ގައުމެއްގައި ތަޢާރަފުކުރުމަކީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު އަމާޒެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ ފާހަގަކޮށްލެވޭ މޮޅެތި ބައިބަލާ ކުޅުންތެރިން ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. އަދި އޭގެ ތެރެއިން ބައެއް ޓީމުތަކުގައި، ކުރިން "މިސްޓަރ ބައިބަލާ"ގެ ޝަރަފުވެރި މަގާމު ހާސިލުކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިން ވެސް ފެނިގެންދާނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
ބައިބަލާ ކުޅުމަށް ޚާއްޞަ ކޯޓެއް މެލޭޝިއާގައި ތައްޔާރުކުރުމަކީ އިންތިޒާމުކުރާ ފަރާތަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެހެންނަމަވެސް، މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި އެ ގައުމުގައި ހަރަކާތްތެރިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާތަކުގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން "މަޑި"އިން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.