ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"އޮޑިން ރަށަށް" ފެތުމުގެ ޙަރަކާތް ނިންމާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހިންގެ ޒަމާންވީ އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ފެށި "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް"އޯޕަން ވޯޓަރ ފެތުމުގެ ސީރީޒްގެ ފުރަތަމަ ޙަރަކާތް ވިލިމާލޭގައި ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާއިރު، މި ޙަރަކާތުގައި 25ޓީމަކާއި 50އަމިއްލަ ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އިވެންޓުގައި ބައިވެރިވުމަށް ހުޅުވާލިތާ އެންމެ ހަތަރުވިހި ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ވަނީ ފުރިފައެވެ.

މި މުބާރާތުގެ ބައިވެރިން ރަށުގެ ފަޅުން ބޭރުގައި އޮންނަ އޮޑިއަކުން މޫދަށް ފުންމާލުމަށް ފަހު، ރަށުގެ ގޮނޑުދޮށާ ހަމައަށް ފަސްސަތޭކަ މީޓަރުގެ ދުރުމިނެއް ފަތަންޖެހެއެވެ. މިކަމުން ރަމްޒުކޮށްދެނީ، ކުރީ ޒަމާނުގައި ރަށްރަށުގައި ބަނދަރު ހަދާފައި ނެތް ދުވަސްވަރު، ދަތުރުވެރިން އޮޑިފަހަރުން ފައިބައިގެން ފަތާފައި ރަށަށް އެރިގޮތުގެ މާޒީގެ ސަގާފަތެވެ. 

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ މި ސީރީޒްގެ މެއިން ސްޕޮންސަރަކީ އެސްއެމްއީ ޑިޖިޓަލްއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މީގެ ބޭނުމަކީ އެކި ރަށްރަށުގެ މުޖުތަމަޢުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އިވެންޓްތައް މެދުވެރިކޮށް ރަށުގެ ވިޔަފާރިތަކަށާއި އިޤުތިޞާދަށް ކުރިއެރުން ހޯދައިދިނުމެވެ.

މި ސީރީޒްގެ ދެވަނަ އިވެންޓް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ކ. ގުރައިދޫގައެވެ. އެ ޙަރަކާތުގައި ވެސް ބައިވެރިވުމަށް މިހާރު 50ފެތުންތެރިން ނަންނޯޓުކޮށްފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު