ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި، ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި މަހުގެ 21އިން 22އަށް މާލޭ ރަސްފަންނު ސަރަހައްދުގައި ބާއްވާ "ދިރާގު މާލެ އޯޕަން 2026"މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަރ ސްވިމިންގ އިވެންޓުގެ ގޮތުގައި ފާހަގަކުރެވޭ މި ހަރަކާތުގައި މިއަހަރު ވެސް ތަފާތު ކެޓަގަރީތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި 250މީޓަރާއި، 500މީޓަރު އަދި އެއް ކިލޯމީޓަރުގެ ފެތުމުގެ ރޭސްތައް ހިމެނެއެވެ. މީގެ އިތުރުން މުޅިން އަލަށް 500މީޓަރުގެ ޓީމު ރިލޭއެއް ވެސް މިއަހަރުގެ މުބާރާތުގައި ކުރިއަށްދާނެ ކަމަށާއި، ޝައުގުވެރިވާ ފަރާތްތަކުން ސްވިމް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހިންގެ މެދުގައި މޫދު ކުޅިވަރުތަކަށް ހިތްވަރުދީ، ހާއްސަކޮށް އޯޕަން ވޯޓަރ ފެތުމަށް އޮންނަ ލޯބި އިތުރުކުރުމެވެ. ހަމައެއާ އެކު، ރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި ހަރަކާތުގެ މުހިންމު ބައެކެވެ.
ނިމިދިޔަ އަހަރުގެ މުބާރާތަށް ބަލާއިރު، އުމުރުން ހަ އަހަރުގެ ކުޑަކުދިންނަން ފެށިގެން 70އަހަރުން މަތީގެ މީހުންނާއެކު ޖުމްލަ 350އަށްވުރެ ގިނަ ފެތުންތެރިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވެފައެވެ. މުބާރާތުގެ މެއިން ސްޕޮންސަރ ދިރާގުން ހާމަކުރާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އެކުވެރިކަން އާލާކޮށްދޭ މިފަދަ ހަރަކާތްތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ފޯރުކޮށްދީ ކަސްޓަމަރުންނަށް ފައިދާހުރި ކަންކަން ރާވައި ހިންގުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.