ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އަންނަ އޮގަސްޓް މަހު ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު އޯޕަން ވޯޓަރ މުބާރާތް، "ދިރާގު މާލޭ އޯޕަން 2026"ގައި ބައިވެރިވާ ފަރާތްތަކަށް، މިއަދުން ފެށިގެން ދިރާގުގެ މައި އޮފީހުން ރޭސް ކިޓް ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހިނގާ އޮގަސްޓް މަހުގެ 21އަދި 22ވަނަ ދުވަހު ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރާ ފަރާތްތަކަށް ކިޓް ހަވާލުކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ދިރާގު ހެޑް އޮފީހުގައި ކުރިއަށްގެންދާ 'ޑީއެމްއޯ އެކްސްޕޯ' މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ހަވީރު 5:00އިން ރޭގަނޑު 10:00އަށް ކިޓްތައް ދޫކުރަމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ބައިވެރިންނަށް ދޫކުރާ މި ކިޓުގައި މުބާރާތަށް ހާއްސަކުރެވިފައިވާ ރަސްމީ ޓީޝާޓަކާއި ސްވިމް ކެޕެއް ހިމެނޭނެއެވެ.
ތަފާތު ތިން ކެޓަގަރީއެއް ހިމެނޭހެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ފެތުންތެރިން ވާދަކުރާނީ 1ކިލޯމީޓަރު، 500މީޓަރު އަދި 250މީޓަރުގެ ރާސްތާއެއްގައެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި މުޅިން އަލަށް 500މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. ސްވިމް މޯލްޑިވްސްގެ ފަރާތުން މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހިންގެ މެދުގައި މޫދު ކުޅިވަރުތަކަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، އޯޕަން ވޯޓަރ ސްވިމިންގ ކުރިއެރުވުމާއެކު، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.
ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކުރެވިފައިވާ މިފަދަ ހަރަކާތްތަކަށް ދިރާގުން އަބަދުވެސް އަންނަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މިފަދަ ކުޅިވަރު މުބާރާތްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދީ، މުޖުތަމައުގެ ފަރުދުންގެ މެދުގައި އެކުވެރިކަމާއި އިޖުތިމާއީ ގުޅުން އިތުރަށް ހަރުދަނާކޮށްދޭނެ މުހިންމު ވަސީލަތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.