ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"އޮޑިން ރަށަށް"މުބާރާތުގެ ޖާގަތައް ފުރިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ސްވިމް މޯލްޑިވްސްއިން އަލަށް ތައާރަފުކުރި "އޮޑިން ރަށަށް"ފެތުމުގެ ސީރީޒްގެ ފުރަތަމަ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ 24ގަޑިއިރުގެ ތެރޭގައި، އިންޑިވިޖުއަލް ކެޓަގަރީގެ ހުރިހާ ޖާގައެއް ފުރިއްޖެއެވެ.

އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭހުގައި ބައިވެރިވުމަށް މިދިޔަ ހޯމަ ދުވަހު ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން އިންޑިވިޖުއަލް ކެޓަގަރީއަށް ކަނޑައެޅި 50ޖާގަ އެއްކޮށް ފުރިފައިވާއިރު، ޓީމު ރިލޭއަށް ހުޅުވާލި 25ޖާގައިގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ ފަސް ޖާގައެވެ.

މިއީ ރާއްޖޭގެ ބަނދަރުތައް ހެދުމުގެ ކުރިން، ރަށްރަށަށް ފޭބުމަށް ދިވެހިން ގެންގުޅުނު ތާރީހީ އާދަކާދައަކަށް ބިނާކޮށް ފަރުމާކޮށްފައިވާ މުބާރާތެކެވެ. ސްވިމް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، ކުރީ ޒަމާނުގައި ރަށްރަށުގެ ޒުވާނުން އޮޑިދޯނިފަހަރުން ފުންމާލައިގެން ފަތާފައި ރަށަށް އެރުމަކީ އާންމު ކަމެކެވެ. އެހެންކަމުން، މި ހާއްސަ ކޮންސެޕްޓް މިހާރު މިވަނީ ރޭހެއްގެ ސިފައިގައި ތަރައްގީކޮށްފައެވެ.

މި ރޭސް ކުރިއަށްދާ ގޮތަށް ބަލާއިރު، އިންޑިވިޖުއަލް އިވެންޓުގައި ފެތުންތެރިން އޮޑިއެއްގައި ގޮނޑުދޮށުން ފެށިގެން 500މީޓަރު ބޭރަށް ގެންދިއުމަށްފަހު، ކަށިގަނޑު ފުމެލުމުން ފުންމާލައިގެން ފަތާފައި އެއްގަމަށް ދާންޖެހެއެވެ. އަދި އެންމެ ފުރަތަމަ އެއްގަމަށް އަރާ ފެތުންތެރިޔާއަކީ ޗެމްޕިއަނެވެ. ޓީމު ރިލޭގައި އެއްގަމުގައި ހުންނަ ފެތުންތެރިޔާ ފަތާފައި އޮޑިއަށް ދިއުމުން، އޮޑީގައި ހުރި އޭނާގެ ބައިވެރިޔާ ފުންމާލައިގެން ދެ މީހުން އެކުގައި ފަތާފައި އެއްގަމަށް އަރަންޖެހެއެވެ. އަލަށް ފަތަން ދަސްކުރާ ފަރާތްތަކަށް ކިކް ބޯޑު، ނޫޑްލްސް ނުވަތަ ފިންސް ބޭނުންކޮށްގެން ވެސް މި ރޭހުގައި ބައިވެރިވެވޭނެއެވެ.

ރޭހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ހަތަރު ކެނޯއެއްގައި ރެސްކިއު ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްވިމް މޯލްޑިވްސްއިން ބުނެއެވެ. އެ ކްލަބުގެ އަމާޒަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފަތާ ފެންގަނޑެއް ނެތުމުގެ ސަބަބުން މުބާރާތްތައް ބޭއްވުމަށް ދިމާވާ ހުރަސްތަކަށް މި ކޮންސެޕްޓުގެ އެހީގައި ހައްލެއް ހޯދައިދިނުމެވެ. މި ރޭސް ބޭއްވުމަށް ބޭނުންވަނީ ހަމައެކަނި އޮޑިއަކާއި ބީޗެއް ކަމަށްވާތީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މި އިވެންޓް ބޭއްވުމުގެ ފުރުސަތު އެބައޮތެވެ.

ސްވިމް މޯލްޑިވްސްގެ ދުރު ރާސްތާ ވިސްނުމަކީ ކޮންމެ ރަށެއްގެ ޗެމްޕިއަން އަތޮޅު މުބާރާތަށް ކޮލިފައިވެ، އަތޮޅު މުބާރާތުގެ ގަދަ 10ފެތުންތެރިން ގައުމީ "އޮޑިން ރަށަށް"މުބާރާތުގައި ވާދަކޮށް ގައުމީ ޗެމްޕިއަނެއް ހޮވުމެވެ. ވިލިމާލޭގައި ބާއްވާ ފުރަތަމަ ރޭހަށްފަހު، މިއަހަރުގެ ތެރޭގައި މި ސީރީޒްގެ އިތުރު ތިން ރޭސް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކާއި ކްލަބުތަކުން އެ ކްލަބާ ގުޅުމަށް ސްވިމް މޯލްޑިވްސްއިން އެދެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު