ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް"މިއަހަރު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް އެ ކްލަބުން ނިންމައިފިއެވެ.
ފެތުމާއި ދުވުން ހިމެނޭ މި ހަރަކާތް މިއަހަރު ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 13އިން 14އަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރު ކަމަށްވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 31އިން ނޮވެމްބަރު 1އަށް މި މުބާރާތް ބާއްވާފައިވަނީ ކ. މާފުށީގައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު އޮންނާނީ އިންޑިވިޖުއަލް އިވެންޓްތަކެވެ. އަދި ދެވަނަ ދުވަހު ޓީމު އިވެންޓްތައް ކުރިއަށްދާނެއެވެ. މި މުބާރާތުގައި ވާދަކުރާ އެތުލީޓުން ފުރަތަމަ ފުރިހަމަކުރަން ޖެހޭނީ ފެތުމުގެ ބައެވެ. އެއަށް ފަހު ސީދާ ބީޗުގައި ހުރެ ބޫޓަށް އަރައިގެން ދުވުމުގެ ބައި ފުރިހަމަކުރުމަށް ނުކުންނަން ޖެހޭނެއެވެ.
މި މުބާރާތުގައި ޖުމްލަ ތިން ކެޓަގަރީއެއް ހިމެނޭ ކަމަށް ސްވިމް މޯލްޑިވްސްއިން ބުނެއެވެ. އެއީ އެލީޓް، ސްޕްރިންޓް އަދި ޑިސްކަވާ އެކުއަތުލޯން ކެޓަގަރީއެވެ. މީގެ އިތުރުން ޓީމު ރިލޭ ބައިގައި ފެތުންތެރިއަކާއި ދުވުންތެރިއަކު ހިމެނޭ ގޮތަށް ޓީމު ހެދުމުގެ ފުރުސަތު އޮންނާނެއެވެ. ރިލޭ ބައިގެ ދިގުމިނާއި އުމުރުފުރާގެ ވަނަތައް ހޮވުން ކުރިއަށްދާނީ އިންޑިވިޖުއަލް ބައާ އެއްގޮތަށެވެ.
މުބާރާތުގެ އެލީޓް ކެޓަގަރީގައި ހިމެނެނީ 1ކިލޯމީޓަރަށް ފެތުމާއި 5ކިލޯމީޓަރަށް ދުވުމެވެ. މި ބައި ހާއްސަކޮށްފައިވަނީ 15އަހަރުން މަތީގެ އަންހެން އަދި ފިރިހެން އެތުލީޓުންނަށެވެ. ނަމަވެސް 15އަހަރުން ދަށުގެ ކުދިންނަށްވެސް މި ބައިގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ސްޕްރިންޓް ކެޓަގަރީގައި އޮންނާނީ 500މީޓަރަށް ފެތުމާއި 2.5ކިލޯމީޓަރަށް ދުވުމެވެ. މިއީ 15އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ބައެއް ނަމަވެސް، 15 އަހަރުން މަތީގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. އެކަމަކު 15އަހަރުން މަތީގެ މީހުންނަށް މި ކެޓަގަރީން ވަނައެއް ނުލިބޭނެއެވެ.
މުޅިން އަލަށް މިފަދަ މުބާރާތެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކާއި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޑިސްކަވާ އެކުއަތުލޯން ކެޓަގަރީގައި ހިމެނެނީ 200މީޓަރުގެ ފެތުމާއި 500މީޓަރުގެ ދުވުމެކެވެ. މިއީ ވާދަވެރި ނޫން އިވެންޓެއް ކަމަށްވާއިރު، މި ބައިގެ ފެތުން އޮންނާނީ މާފުށީ ބިކިނީ ބީޗުގެ ފަޅުތެރޭގައި އިސްކޮޅު ޖެހޭ ހިސާބުގައެވެ. ސްވިމް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި އެ ކްލަބުގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ރަށްތަކަށް މި މުބާރާތް ބަދަލުކޮށްގެން (ރޮޓޭޓްވާ އުސޫލުން)ކުރިއަށް ގެންދިއުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.