ޖަޕާނުގެ އައިޗީ ނަގޯޔާގައި މި މަހު ބާއްވާ 5ވަނަ އޭޝިއަން ޕެރަ ގޭމްސް 2026ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޕެރަ އެތުލީޓުންނަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކުރައްވައި، މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފިއެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ފުރާ ޤައުމީ ޓީމުގައި ހިމެނެނީ ފާޠިމަތު އިބްރާހީމާއި، ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދުގެ އިތުރުން ޢަބްދުﷲ އަޔާން އަސްގަރެވެ. މި ފަހަރުގެ ގޭމްސް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ޝަރަފުވެރި މަޤާމު އަދާކުރާނީ ފާޠިމަތާއި ޢަބްދުއްރައްޒާޤެވެ. ޤައުމީ ދިދަ އުފުލާ ފަރާތްތަކާ ދިދަ ހަވާލުކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ވެސް ވަނީ މި ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ.
ޕެރަ އެތުލީޓުންނަށް ޖާޒީއާއި ދިދަ ހަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރުމީކޯ އިޝިގާމީއެވެ. މީގެ އިތުރުން މި ހަފްލާގައި ޖަޕާނު އެމްބަސީގެ އިސް މަންދޫބުންނާއި، ކުޅިވަރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭޝިއާ ބައްރުގެ އެންމެ ބޮޑު ޕެރަ ކުޅިވަރު މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.