ޖަޕާނުގެ ނަގޯޔާ ސިޓީގައި 16ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް ކަމަށްވާ 20ވަނަ އޭޝިއަން ގޭމްސް، ހާއްސަ ހަރަކާތްތަކަކާއެކު މިއަދު ރަސްމީކޮށް ނިންމާލައިފިއެވެ.
މިއަދު މިޒޫހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޓީމުގެ ފަރާތުން ގައުމީ ދިދަ އުފުލީ ބީޗް ވޮލީ ކުޅުންތެރިޔާ އާމިނަތު އަރީޝާއެވެ. ޖަޕާނުގެ ވަލީއަހުދު އަކިޝީނޯގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވި މި ހަފުލާގައި، ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އިސްވެރިޔާ ޝައިޚް ޖޮއާން ބިން ޙަމަދު އަލްޘާނީ ވެސް ބައިވެރިވެވަޑައިގަތެވެ.
ގިނަގުނަ ސަގާފީ ހަރަކާތްތަކަކާއި އެތުލީޓުންގެ ހިނގާލުމެއް ފެނިގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ދަންމަރު ނިއްވާލާފައެވެ. އަދި 2030ވަނަ އަހަރު ދޯހާގައި އޮންނަ 21ވަނަ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން، އޯސީއޭގެ ރަސްމީ ދިދަ ގަތަރާ ހަވާލުކޮށް، އަންނަ މުބާރާތުގެ ކައުންޓްޑައުން ވަނީ ފަށާފައެވެ.
މިފަހަރުގެ މުބާރާތަކީ ގިނަ ރެކޯޑުތަކެއް މުގުރިގެންދިޔަ ފަހަރެކެވެ. އޯސީއޭއިން މައުލޫމާތު ދޭގޮތުގައި، ދުނިޔޭގެ 54ރެކޯޑަކާއި އޭޝިއާގެ 89ރެކޯޑެއްގެ އިތުރުން، ގޭމްސްގެ 212ރެކޯޑު އަދި ދުނިޔޭގެ ޖޫނިއަރ 11ރެކޯޑެއް މި ގޭމްސްގައި އާކޮށްފައިވެއެވެ.
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ 42އެތުލީޓަކު ހަތް ކުޅިވަރެއްގައި ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެތުމާއި، ޓޭބަލް ޓެނިހާއި، ބެޑްމިންޓަނާއި، އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީ، ސާފިން އަދި ޝޫޓިން ހިމެނެއެވެ. މުބާރާތް ނިންމާލުމަށްފަހު ދިވެހި ޓީމު މާދަމާ މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ގޭމްސްގައި 45ގައުމަކުން 43ކުޅިވަރެއްގެ 469އިވެންޓުގައި ވާދަކޮށްފައިވާއިރު، 11،000އެއްހާ އެތުލީޓުން ބައިވެރިވިއެވެ. އަދި އޮފިޝަލުންނާއި ކޯޗުން ހިމަނައިގެން ޖުމްލަ 17،000މީހުން މި މުބާރާތުގައި ހަރަކާތްތެރިވެފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.