އޭޝިއާ ބައްރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ 20ވަނަ އޭޝިއަން ގޭމްސް، ޖަޕާނުގެ ނަގޯޔާގައި ހުންނަ މިޒޫހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި ބޭއްވި ހިތްގައިމު އަދި ކުލަގަދަ ރަސްމިއްޔާތަކާ އެކު ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ ހިފައިގެން ނުކުތީ، ގައުމަށް ރިހި މެޑަލް ހޯދައިދީފައިވާ ކުޅަދާނަ ޝޫޓަރު މަރިޔަމް އީޝަލް މިސްބާހުގެ އިތުރުން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަޙްމަދެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ މި ފުރިހަމަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ޖަޕާނުގެ ރަސްގެފާނު ނަރުހީޓޯއާއި ރާނީ މަސާކޯ، އަދި ޕްރިންސް އަކިޝީނޯއާއި ޕްރިންސަސް ކީކޯ ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ރައީސް ޝެއިޚް ޖޯއާން ބިން ހަމަދު އަލްޘާނީ ވެސް މި ހަފްލާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަންނަ އޮކްޓޫބަރު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް އައިޗީ-ނަގޯޔާގައި ކުރިއަށް ގެންދާ މި ބޮޑު ކުޅިވަރު އީދުގެ އެކި އިވެންޓުތައް ޖުމްލަ 39ސްޓޭޑިއަމެއްގައި ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެއީ ނަގޯޔާގެ 15ސްޓޭޑިއަމަކާއި އައިޗީގެ 24ސްޓޭޑިއަމެކެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، 45ގައުމަކުން ވާދަކުރާ މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާނީ 81މެންބަރުންގެ މައްޗަށް އެކުލެވޭ ކޮންޓިންޖެންޓަކުންނެވެ. ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ބެޑްމިންޓަން، ފެތުން، ސާފިން، އެތުލެޓިކްސް، ޓޭބަލް ޓެނިސް، ބީޗް ވޮލީބޯޅަ އަދި ޝޫޓިންގައެވެ.
މި މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދުގެ ޗެފް ޑި މިޝަންގެ މަގާމު ފުރުއްވާނީ އެމްއޯސީގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ނާސިފެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.