ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭޝިއަން ގޭމްސްއިން ފެންނަނީ ފިނި ތަރުހީބެއް!

ޝެއާ ކުރޭ Facebook Telegram Viber X

30އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި 20ވަނަ އޭޝިއަން ގޭމްސް މިއަދު ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވީ ނަމަވެސް، މުބާރާތުގެ އިޝްތިހާރު ކުރުން ކުޑަވުމުގެ ސަބަބުންނާއި އާންމުންގެ ހޭލުންތެރިކަން ކުޑަވުމުން މި ބޮޑު ކުޅިވަރު އީދަށް ޖަޕާނުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދަނީ ވަރަށް ފިނި ތަރުހީބެކެވެ. 

ދުނިޔޭގެ 45ޤައުމަކުން 11،000އަށްވުރެ ގިނަ އެތުލީޓުންނާ އެކު އަންނަ އޮކްޓޫބަރު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފުޓްބޯޅަ އަދި ބާސްކެޓްބޯޅަ މެޗުތައް މިހާރުވަނީ ފަށާފައެވެ. އެހެން ނަމަވެސް، މުބާރާތް ބާއްވާ މައި ސިޓީ ކަމަށްވާ ނަގޯޔާގެ މެދުތެރެއާއި މައި ރޭލު ސްޓޭޝަންތައް ފިޔަވައި އެހެން ހިސާބުތަކުން މުބާރާތުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވެރިރަށް ޓޯކިޔޯގައި ވެސް ބައެއް ކުޅިވަރުތައް ކުރިއަށްދާއިރު، އެ ސިޓީގައި މުބާރާތް ހިނގާކަން ގިނަ ބަޔަކަށް ނުވެސް އެނގެއެވެ.

ޓޯކިޔޯގެ ޝިބުޔާގައި ހުންނަ ޓޫރިސްޓް އިންފޮމޭޝަން ސެންޓަރެއްގެ މުވައްޒަފުންނަށްވެސް މުބާރާތް ފެށުނުކަން އެނގުމުން ލިބުނީ ކުއްލި ހައިރާންކަމެކެވެ. މުބާރާތުގެ ޕްރޮމޯޝަން ވަރަށް ކުޑަކަން ފާހަގަކޮށް އެ މުވައްޒަފުން ލަފާކުރާ ގޮތުގައި، މީހުންގެ ޝައުގުވެރިކަން އުފެދޭނީ ޖަޕާނުގެ ކުޅުންތެރިންނަށް މެޑަލްތައް ލިބެން ފެށުމުންނެވެ. 

އެންމެ ފަހުން 1994ވަނަ އަހަރު ހިރޯޝިމާގައި އޭޝިއަން ގޭމްސް ބޭއްވުމަށްފަހު، މިފަހަރުގެ މުބާރާތަކީ ކޮވިޑް- 19ގެ ސަބަބުން ސަޕޯޓަރުންނާ ނުލައި ކުރިއަށްގެންދިޔަ ޓޯކިޔޯ އޮލިމްޕިކްސްއަށް ފަހު ބެލުންތެރިންނަށް ސްޓޭޑިއަމްތައް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބޮޑު މުބާރާތެވެ. ބައެއް ކުޅިވަރުތަކުގެ ޓިކެޓް ވިކޭ މިންވަރު ދަށްވި ނަމަވެސް، އިންތިޒާމުކުރާ ފަރާތްތަކުން ތިބީ އޮލިމްޕިކްސްގައި ގެއްލުނު ފޯރި މިފަހަރު އަނބުރާ ގެނެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.

ޖަޕާނުގެ ޑެޕިއުޓީ ޗެފް ޑި މިޝަން އަދި ކުރީގެ އޮލިމްޕިކް ޗެމްޕިއަން ހިސާޝީ މިޒުޓޯރީ ފާހަގަކުރެއްވި ގޮތުގައި، ޓޯކިޔޯ އޮލިމްޕިކްސްގައި އެތުލީޓުންގެ ހުނަރުތައް ލޮލުން ދެކިލުމުގެ ފުރުސަތު އާންމުންނަށް ލިބިފައިނުވާތީ، މިއީ އެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ލިބޭ ވަރަށް މުހިންމު މުބާރާތެކެވެ. މުބާރާތް ބަލަން ދަނޑަށް ނުވަން ނަމަވެސް ޓީވީތަކުން މެޗުތައް ބަލާނެ ކަމަށް ބައެއް މީހުން ބުނެފައިވާއިރު، އެންމެން ގުޅިގެން މިއީ ކާމިޔާބު ކުޅިވަރު އީދަކަށް ހެދުމަށް ގިނަ ބަޔަކު ދަނީ އުއްމީދު ކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު