ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނަގޯޔާއަށް ތޫފާން ޑުޖުއާންގެ ނުރައްކާ ބޮޑުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މި މަހު ޖަޕާނުގެ ނަގޯޔާގައި ފަށާ 20ވަނަ އޭޝިއަން ގޭމްސްއަށް ތައްޔާރުވަމުން ދަނިކޮށް، އަންނަ ހޯމަ ދުވަހު އެ ސަރަހައްދަށް ބާރުގަދަ "ޑުޖުއާން"ތޫފާން އަރާފާނެކަމުގެ އިންޒާރު ލިބުމާއެކު، މުބާރާތުގެ އިންތިޒާމުތަކަށް ބުރޫއަރާފާނެތީ ކަމާބެހޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. 

ޕެސިފިކް ކަނޑުގެ އައްސޭރިފަށާ ދުރުގައި މިހާރު އުފެދިފައިވާ މި ތޫފާން ދަތުރުކުރަމުން ދަނީ ގަޑިއަކު 90ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 126ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ތޫފާންގެ މިސްރާބު ހުރީ ނަގޯޔާ ހިމެނޭހެން ޖަޕާނުގެ މެދުތެރެއަށެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިހާރުވެސް ބައެއް ކުޅިވަރުތައް ފެށުން ވަނީ ލަސްކުރަން ޖެހިފައެވެ.

ފާއިތުވި ހަފުތާގައި ވެސް ނަގޯޔާއަށް ކުރި ވިއްސާރައިގައި ރޭލު ދަތުރުތައް ހުއްޓި، ސްކޫލްތައް ބަންދުކުރަން ޖެހުނުއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް އެތުލީޓުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ޖަޕާނުގެ އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ބޯޑު މެންބަރު އަދި ޖަޕާނުގެ ޗެފް ޑި މިޝަން ކޮސެއި އިނޯއޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަހުގެ 21ވަނަ ދުވަހު ތޫފާންގެ އަސަރުކޮށްފާނެ ކަމަށް ބަލައި، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް އިންތިޒާމުކުރާ ކޮމިޓީން ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭޝިއަން ގޭމްސް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ނަމަވެސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ފުޓުބޯޅައިގެ ކުޅުން ވަނީ ފަށާފައެވެ. އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް އައިޗީ-ނަގޯޔާގައި ކުރިއަށްދާ މި ބޮޑު މުބާރާތުގައި އޭޝިއާގެ 45ޤައުމަކުން ވާދަކުރެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ފަރާތުން ޖުމްލަ 81މެންބަރުންގެ ވަފުދެއް ބައިވެރިވާއިރު، އެތުލެޓިކްސް، ބެޑްމިންޓަން، ފެތުން، ސާފިން، ޝޫޓިން، ޓޭބަލް ޓެނިސް އަދި ބީޗް ވޮލީގައި ދިވެހި އެތުލީޓުން ވާދަކުރާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު