ތުރުކީވިލާތުގެ ކޮންޔާގައި މިހާރު ކުރިއަށްދާ އޯއައިސީ ޔޫތު ކެޕިޓަލް 2026ޕްރޮގްރާމުގެ ތެރެއިން، ރާއްޖޭގެ ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ހުރި ފުރުޞަތުތައް ފުޅާކުރުމުގެ މަޤުޞަދުގައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިނަލްއަޤުވާމީ އިސް ފަރާތްތަކަކާއެކު މުހިންމު ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް އެސޯސިއޭޝަން (އައިއެސްއެސްއޭ)ގެ ސެކްރެޓަރީ ޖެނެރަލް ނާސިރު އައިމަން މަޖާލީއާއެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއެރުވުމަށްޓަކައި ރާއްޖެއާއި އެ ޖަމާޢަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އޭގެ ފަހުން، އިސްލާމިކް ކޯޕަރޭޝަން ޔޫތު ފޯރަމް (އައިސީވައިއެފް)ގެ ރައީސް ތާހާ އައިހާންއާ ބައްދަލުކުރައްވައި، ދިވެހި ޒުވާނުންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން ވަޒީރު ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. ޚާއްޞަކޮށް އެ ފޯރަމްގެ އެހީތެރިކަމާ އެކު ރާއްޖޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގިދާނެ ތަފާތު ޕްރޮގްރާމްތަކާ މެދު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި މަޝްވަރާތަކާ ގުޅިގެން އައިސީވައިއެފްގެ ރައީސް ވަނީ، ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ރާވާ ހަރަކާތްތަކަށް އެ ޖަމާޢަތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ވަޒީރަށް އަރުވާފައެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ތަޖުރިބާ ހޯދުމުގެ މަގު ފަހިކޮށްދިނުމަކީ އެ ފޯރަމްގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި، ކުރިމަގުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ހަވާސާގެ ތެރެއިން ވަޒީރު ރާފިޢު ވަނީ ތުރުކީވިލާތުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ޑރ. އޮސްމާން އަޝްކިން ބަކްއާ ވެސް ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.