ގައުމީ ފުޓްބޯޅަ ޓީމުތަކާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ހާއްސަ ޓެކްނިކަލް ކޮމިޓީއެއް އުފެއްދުމަށް، ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އިސްތަވާން އުރްބާނީ އެދިއްޖެއެވެ.
އޭނާ މިކަމަށް އެދިފައިވަނީ މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖޭން ކުޅޭ ތިން މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބްރޭކްގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރަށުން ބޭރުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އުރްބާނީ ހާމަކުރި ގޮތުގައި، ޗައިނާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމާ މެދު އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް)އޭނާގެ ހިޔާލަކަށް އެއްސެވިއެވެ. ނަމަވެސް އެފަދަ ނިންމުންތަކަކީ ހަމައެކަނި ކޯޗުގެ ހިޔާލަށް އެކަނި ބިނާކޮށް ނިންމަންޖެހޭ ކަންކަމަށް ނުވާތީ، ގައުމީ ޓީމަށް ހާއްސަ ކޮމިޓީއެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށް އޭނާ ވަނީ އެފްއޭއެމްގެ މެނޭޖްމަންޓަށް ޕްރޮޕޯޒަލެއް ހުށަހަޅާފައެވެ.
"އަަހަރެން ވާނީ (އެފްއޭއެމްގެ)މެނޭޖްމަންޓަށް ޕްރޮޕޯޒަލް ފޮނުވާފައި. ޓެކްނިކަލް ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ބުނެ. އޭރުން މަޝްވަރާކުރެވޭނެ (އެކުވެރިކަމުގެ މެޗުތައް ކުޅުމާ ބެހޭގޮތުން ވެސް). ސާފް ޗެމްޕިއަންޝިޕްގެ ކުރިން މަދުވެގެން އިތުރު ދެ މެޗު ކުޅެން އަހަރެމެންނަށް ބޭނުންވޭ"އުރްބާނީ ބުންޏެވެ.
އުރްބާނީގެ މި ހުށަހެޅުމާ ގުޅިގެން އެފްއޭއެމްގެ ޖެނަރަލް ސެކެރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން މިހާރު ވެސް "ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީ"އެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން ގައުމީ ޓީމާ ގުޅުން ހުރި ކަންކަން ވެސް ބަލަހައްޓާނެތީ، ގައުމީ ޓީމަށް ވަކި ހާއްސަ ކޮމިޓީއެއް ހަދާނީތޯ ނުވަތަ ނޫންތޯ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އޮތް ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާޕާސަނަކީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަދި ސީނިއާ ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު އައްބާސް (އައްބު)އެވެ. އަދި ނައިބަކީ 20އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހްމަދު ޝާކިރު (ޝާކިއްޓޭ)އެވެ. އެފްއޭއެމްގައި މީގެ ކުރިން ވެސް ސަބް ކޮމިޓީތައް ހެދި ނަމަވެސް، ގިނަ ކޮމިޓީތަކަކީ ހަމައެކަނި ނަމެއްގައި އޮންނަ، އެއްވެސް ހަރަކާތެއް ނުހިންގާ ކޮމިޓީތަކެކެވެ. ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ކުރީގެ ސަރުކާރުގެ ދެ ވަޒީރުން ހިމަނައިގެން "ގައުމީ ޓީމު ކޮމިޓީ"އެއް ހެދި ނަމަވެސް، ފަހުން އެ ކޮމިޓީ ވެސް އޮތީ ހުއްޓިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.