ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިއްދޫއާއި ގައްދޫގެ ހުނަރުވެރިންނަށް ފުރުސަތު އޮންނާނެ

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުން އަންނަ ދިއްދޫ ސުޕޯޓްސް ކްލަބާއި ގައްދޫ ސުޕޯޓްސް ކްލަބުގެ ކުޅުންތެރިންނަށް ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ.

ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް އެކުލަވާލި ގައުމީ ސްކޮޑުގައި މި ދެ ކްލަބަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކު ހިމަނާފައެއް ނުވެއެވެ. އުރްބާނީ ފާހަގަކުރި ގޮތުގައި މިވަގުތު އެ ދެ ޓީމުގެ ކުޅުމުގައި ބިދޭސީ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން، އޭނާ ވަނީ އެ ދެ ކްލަބުންވެސް އެ ރަށްރަށާއި ކައިރި ރަށްރަށުން އިތުރު ދިވެހި ކުޅުންތެރިން ހޯދައި، ޓީމު ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.

"މިވަގުތު އެ ދެ ޓީމުން ގައުމީ ޓީމަށް ކުޅުންތެރިއަކު ނަގާފައެއް ނެތް. އެކަމަކު ހަމައެކަނި ސްކޮޑުގައި މިހާރު މިތިބަ ކުޅުންތެރިން އެކަންޏެއް ނޫން، އެ ރަށްރަށުން ނުވަތަ ކައިރި ރަށްރަށުން ވެސް އިތުރު ކުޅުންތެރިން ހޯދައިގެން ޓީމުގައި ރެކްރޫޓް ކުރަން ޖެހޭ. އޭރުން އެ ކުޅުންތެރިންގެ ކުޅުން ފެނުމުގެ ފުރުސަތު އަހަރެމެންނަށް ބޮޑުވާނެ"އުރްބާނީ ބުންޏެވެ.

ދިވެހި ލީގުގެ ފެންވަރު ރަނގަޅުވަމުން އަންނަކަން ފާހަގަކުރަމުން އުރްބާނީ ބުނީ، ރަށްރަށުގެ ޓީމުތައް ލީގުގައި ވާދަކުރުމަކީ އެންމެން ވެސް އުފާކުރާ ކަމެއް ކަމަށެވެ. އަދި މިއީ އެ ދެ ޓީމު ލީގުގައި ކުޅޭ ފުރަތަމަ ސީޒަން ކަމަށްވުމުން ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އުރްބާނީގެ ނަޒަރުގައި މިވަގުތު ދިއްދޫ އޮތީ ތަންކޮޅެއް ވަރުގަދަކޮށް ކަމަށްވާއިރު، އެ ޓީމަށް ކޮންމެ ޓީމަކާ ވެސް ވާދަކޮށްލެވޭނެ ފެންވަރު އެބަހުއްޓެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު