ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން: ރާއްޖެ ހިމެނޭ ގްރޫޕްގައި މިޔަންމާ،ލަންކާ،ބްރޫނާއީ

ފޮޓޯ:އިމޭޖަސް އެމްވީ
ޝެއާ ކުރޭ Facebook Telegram Viber X

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ އާ އޮނިގަނޑުގެ ދަށުން ކުޅޭ ޑިވެލޮޕްމަންޓް ފޭސްގައި މިޔަންމާއާއި ސްރީ ލަންކާ އަދި ބްރުނާއީ ދާރުއްސަލާމާ އެއް ގްރޫޕެއްގައި ރާއްޖެ ހިމެނިއްޖެއެވެ.

މިޔަންމާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ގްރޫޕްގެ މެޗުތައް ކުރިއަށްދާނީ މިއަހަރުގެ އޮގަސްޓް މަހުގެ 25އިން ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރުގެ އޭއެފްސީ ކޮލިފައިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބޮޑު ބަދަލަކާ އެކުގައެވެ. އެގޮތުން މުބާރާތް ބަހާލާފައި ވަނީ މަތީ ރޭންކުގެ ގައުމުތައް ވާދަކުރާ "ކޮލިފިކޭޝަން ފޭސް" އާއި ދަށް ރޭންކުގެ ގައުމުތަކަށް ހާއްސަ "ޑިވެލޮޕްމަންޓް ފޭސް"އަށެވެ. ކޮލިފިކޭޝަން ފޭސްގައި ހަތަރު ޓީމުގެ އަށް ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ހަތް ޓީމަށް އަންނަ އަހަރުގެ އޭޕްރީލް މަހު ޗައިނާގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުން ޖާގަ ލިބޭނެއެވެ. އަދި ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ ފުލަށްދާ ޓީމު ޑިވެލޮޕްމަންޓް ފޭސްއަށް ރެލިގޭޓްވާނެއެވެ.

ރާއްޖެ ވާދަކުރާ ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް ހިމެނޭއިރު، ރާއްޖެ ހިމެނޭ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ދެން އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސްއިން ޖާގަ ލިބޭނެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ބަންގްލަދޭޝް ފިޔަވައި އެހެން ހުރިހާ ގައުމެއް ވާދަކުރަނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. މިފަހަރުގެ ކޮލިފައިންގައި ޕާކިސްތާނުން ބައިވެރިއެއް ނުވެއެވެ.

މި ގްރޫޕުގައި ހިމެނޭ ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ކުޅުނީ މިދިޔަ މާޗް މަހު މާލޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތުގައެވެ. އެ މެޗުގައި ރާއްޖެއިން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް، ލަންކާއިން ވަނީ ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ސީނިއާ ގައުމީ ޓީމުގެ ހަންގޭރީ ކޯޗު އިސްތަވާން އުރްބާނީއެވެ.

މީގެ އިތުރުން، ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ މިޔަންމާއާ ދެކޮޅަށް ރާއްޖެއިން ވަނީ 2022 ވަނަ އަހަރުގެ އޭއެފްސީ ކޮލިފައިންގައި ވާދަކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުޅުނު އެ މެޗުން މިޔަންމާ އަތުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު