ފުޓުބޯޅަ މެޗެއް ކުރިއަށްދާއިރު ރެފްރީންގެ ހަމައެކަނި ޒިންމާއަކީ ގަވާއިދުތައް ތަންފީޒުކުރުން ނޫން ކަމަށާއި، މެޗު އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމަކީ ވެސް އެމީހުންގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްތަވާން އުރުބާނީ ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް"އަށް ދިން އިންޓަވިއުއެއްގައި އުރުބާނީ ވަނީ ރާއްޖޭގެ ރެފްރީންގެ ފެންވަރާ މެދު ވާހަކަދައްކައި، މެޗެއްގެ ހާލަތު ދެނެގަތުން ރެފްރީންނަށް ކިތަންމެހާ ވެސް މުހިންމު ކަމަށް ބުނެފައެވެ.
އުރުބާނީ ފާހަގަކުރި ގޮތުގައި، ބައެއް ހާލަތްތަކުގައި ގަވާއިދާ އެއްގޮތަށް ކަށިގަނޑު ފުމުމަކީ މެޗުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެއެވެ. މިކަން ތަފްސީލުކޮށްދެމުން އޭނާ ވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުން މިސާލެއް ދައްކާފައެވެ. އެގޮތުން، ވަރުގަދަ ޓީމަކާއި ރޭންކިންގެ ފަހަތުގައި އޮތް ޓީމެއް ބައްދަލުކުރާ މެޗެއްގައި، ކުޅުންތެރިން ކުރަންޖެހޭ މަސައްކަތް ރެފްރީއަށް އެނގެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. މިއީ ގަވާއިދުތައް އެއްކޮށް ދޫކޮށްލުން ނޫން ކަމަށާއި، ނަމަވެސް މެޗުތަކުގައި ދިމާވާ 50/50ހާލަތްތައް މެނޭޖްކުރުމަކީ ރެފްރީންގެ ޒިންމާއެއް ކަމަށް އުރުބާނީ ފާހަގަކުރިއެވެ.
"ބައެއް ފަހަރު ގަވައިދުގައި އޮންނަ ގޮތަށް ރަނގަޅަށް ގޮއްވުމަކީ މެޗުގެ ހާލަތަށް ބަލާއިރު ގޯސް ގޮއްވުމަކަށް ވެސް ވެދާނެ. އެހެންވީމަ މިސާލަކަށް، އަހަރުމެން މުބާރާތެއް ބާއްވަންޏާ، މިހާ ހިސާބުން ދާން މިޖެހެނީ އަސްލު ސުވާލަށް" އުރުބާނީ ބުންޏެވެ.
މީގެ އިތުރުން، ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރި މެޗުގައި ހިނގި ކަމެއް އުރުބާނީ ހިއްސާކުރިއެވެ. އެ މެޗުގައި ޕާކިސްތާނުގެ އޭރިއާ ތެރެއިން ރާއްޖޭގެ ނާއިޒް ޙަސަންގެ ޖާޒީގައި ހިފައި ވައްޓާލުމުން ވެސް ޕެނަލްޓީއެއް ދީފައި ނުވާކަން އޭނާ ފާހަގަކުރިއެވެ. ލައިންސްމަން ކުރިމަތީގައި ހުރެ، އެއީ ސާފު ފައުލަކަށް ވާއިރު ވެސް ޕެނަލްޓީ ނުދިން ސަބަބެއް ބުނެދޭންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އުރުބާނީގެ ވާހަކަތަކަށް ބާރުދޭ މިސާލެއް ދިވެހި ޕްރެމިއަރ ލީގު ކޮލިފިކޭޝަންގައި އެންމެ ފަހުން ގދ.ގައްދޫއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުން ވެސް ވަނީ ފެނިފައެވެ. އެ މެޗުގެ 94ވަނަ މިނެޓުގައި ގައްދޫގެ ރިފްޝާން ސެމީ ސާކަލް ތެރެއިން ބޯޅަ ހިފައިގެން ހުސްކޮށް ކުރިއަށް ދަނިކޮށް، ޓީސީގެ ކުޅުންތެރިން ކުރި ފައުލް ރެފްރީ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، އެ ހާލަތުގައި އެޑްވާންޓޭޖް ދީ، ކުޅުން ކުރިއަށް ގެންދަން ދޫކޮށްލި ނަމަ ގައްދޫއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނީހެވެ. އެ ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
ކުރިއަށް އޮތް ދިވެހި ޕްރެމިއަރ ލީގުގެ ކުރިން މިފަދަ މައްސަލަތައް ހައްލުކުރުމަށް ޓަކައި، ރެފްރީންނާއި ކޯޗުން އަދި ކްލަބްތަކުގެ ޓެކްނިކަލް އޮފިޝަލުން އެއް މޭޒެއްގެ ދޮށަށް އެއްވެ މަޝްވަރާކުރުން މުހިންމު ކަމަށް އުރުބާނީ ބުންޏެވެ. އަދި ރެފްރީންގެ ކަންކަން މޮނިޓާ ކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުގުވެރިކަން ވެސް އޭނާ ވަނީ ފާޅުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.