އިއްޔެ ކުޅެވުނު ޓީ 20ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް 2026ގެ ފައިނަލްގައި 56ލަނޑުގެ ބޮޑު ތަފާތަކުން މާލެ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު، މި އަހަރުގެ މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސްއިން ކަށަވަރުކޮށްފިއެވެ.
ފައިނަލް މެޗުގައި ގުރު ދިމާވުމާއެކު ސީބީއެލްއިން ނިންމީ ކުޅެން އެރުމަށެވެ. އެ ޓީމުން ވަނީ ކަނޑައެޅިފައިވާ 20އޯވަރުގެ ތެރޭގައި އެންމެ ތިން ކުޅުންތެރިން ނުބައިވެގެން 185ލަނޑުގެ ބޮޑު ސްކޯއެއް ގާއިމުކޮށްފައެވެ. ސީބީއެލްގެ ފަރާތުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ 50ބޯޅައިން 80ލަނޑު ޖަމާކުރި ތަރަކަ ރުވާންއެވެ. އޭގެ އިތުރުން ޓީމުގެ ކެޕްޓަން އަޝާން ޔަޕަން 36ބޯޅައިން 49ލަނޑު ހެދިއިރު، އާދަމް ނާސިފް އުމަރު ވަނީ އެންމެ 17ބޯޅައިން 27ލަނޑު ހަދައި ޓީމުގެ ސްކޯ މަތިކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސީބީއެލްއިން ދިން ބޮޑު ޓާގެޓަށް ވާސިލުވުމަށް މާލެ ސްޕޯޓްސްއިން ކުޅެން އަރައި، 20އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ އެންމެ 127ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ 23ބޯޅައިން 34ލަނޑު ހެދި އިސްމާޢީލް ޢަލީގެ އިތުރުން 20ބޯޅައިން 25ލަނޑު ހަދައިދިން މުޙައްމަދު ރިޝްވާންއެވެ.
މި އަހަރުގެ ޓީ 20ޕްރެޒިޑެންޓްސް ޗެލެންޖް ކަޕުގައި ވާދަކޮށްފައި ވަނީ ރާއްޖޭގެ ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ބާރު ކަމަށްވާ މާލެ ސްޕޯޓްސް، ސީބީއެލް ސްޕޯޓްސް، އަނަކީ ސްޕޯޓްސް ކުލަބު އަދި ނިއު ސްޓަރއެވެ. މުބާރާތުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލްތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.