އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު ޓީ 20ކްރިކެޓް މެޗުގައި، އެންމެ 30ބޯޅައިން 100ލަނޑު ހަދައިގެން، އައިސީސީގެ ފުރިހަމަ މެމްބަރު ގައުމެއްގެ ކުޅުންތެރިއަކު ހެދި އެންމެ އަވަސް ސެންޗަރީގެ ރެކޯޑް އިންޑިއާގެ އަބީޝެކް ޝަރްމާ ގާއިމުކޮށްފިއެވެ.
މި މެޗުގައި އުމުރުން 26އަހަރުގެ އަބީޝެކް ވަނީ މެޗުގެ ނުވަވަނަ އޯވަރުގެ ތެރޭގައި އޭނާގެ ސައްތަ ހަމަކޮށްފައެވެ. އޭނާ ނުބައިވީ ޖުމްލަ 34ބޯޅައާ ކުރިމަތިލައި 108ލަނޑު އެއްކުރުމަށް ފަހުގައެވެ. އިންޑިއާއިން ކުޅެން އަރައި 20އޯވަރުގެ ތެރޭގައި 221ލަނޑު ހެދިއިރު، ޖަވާބުގައި އަފްޣާނިސްތާނަށް 14.1އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 94ލަނޑެވެ. މި ނަތީޖާއާއެކު އިންޑިއާ ވަނީ 127ލަނޑުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.
މީގެ ކުރިން ޓީ 20ފޯމެޓްގައި އެންމެ އަވަސް ސެންޗަރީއެއް ހެދުމުގެ ޝަރަފު އޮތީ ސާހިލްގެ އަތުގައެވެ. އޭނާ ވަނީ 2024ވަނަ އަހަރު ސައިޕްރަސް އާއި އެސްޓޯނިއާ ބައްދަލުކުރި މެޗެއްގައި 27ބޯޅައިން ސައްތަ ހަމަކޮށްފައެވެ. އެހެންނަމަވެސް، އެ ދެ ގައުމަކީ ބައިނަލްއަގުވާމީ ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ފުރިހަމަ މެމްބަރުންނަށް ނުވާތީ، މަތީ ފަންތީގެ ގައުމުތަކުގެ މެދުގައި މި ރެކޯޑް މިހާރު ނިސްބަތްވަނީ އަބީޝެކް އަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.