ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމާ އަލަށް ހަވާލުވި އަފްޣާނިސްތާނުގެ ފުންނާބު އުސް ކޯޗު އަސަދުﷲ ޚާންގެ އެންމެ ބޮޑު އަމާޒަކީ، ހަރުދަނާ އަދި ޕްރޮފެޝަނަލް އޮނިގަނޑެއްގެ ތެރެއިން ދިވެހި ޓީމު ބައްޓަންކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބު ހޯދުންކަން އޭނާ ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ތަޖުރިބާކާރު ކޯޗު ފާހަގަކުރި ގޮތުގައި، ދިވެހި ކުޅުންތެރިންގެ ކިބައިގައި މަތީ ފަންތިއަށް ވާސިލުވުމުގެ ފުރިހަމަ ހުނަރު އެބަހުއްޓެވެ. އަދި އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިއްޖެނަމަ، މިއީ މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ޓީމަކަށް ރާއްޖެ ހެދިދާނެކަމުގެ ޔަޤީންކަން އޭނާ ދިނެވެ. މީގެ އިތުރުން، އެކަށީގެންވާ ވަސީލަތްތައް ނެތް ނަމަވެސް، ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ޓީމުގެ ކުރިއެރުމަށްޓަކައި އެއްވެސް ހިފެހެއްޓުމެއް ނެތި މަސައްކަތްކުރާނެކަން ކަށަވަރުކޮށްދެމުން އަސަދުﷲ ބުނީ، ނުފުއްދޭނެ ފަދަ ބޮޑެތި ވަޢުދުތަކެއް ވުމަށްވުރެ އޭނާ އިސްކަންދެނީ އަމަލީގޮތުން ނަތީޖާ ނެރުމަށް ކަމަށެވެ. އެގޮތުން، އެންމެ އާދައިގެ ފެންވަރުން ފެށިގެން ޤައުމީ ފެންވަރާ ހަމައަށް ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ރޭވިފައިވާކަމަށާއި، މި ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިއްޖެނަމަ މުސްތަޤުބަލުގައި ދިވެހި ޓީމުގެ ފަރާތުން އުފާވެރި ނަތީޖާތަކެއް ފެނިގެންދާނެކަމަށް އޭނާ ލަފާކުރެއެވެ.
މީގެ ކުރިން ކެނަޑާގެ ޤައުމީ ޓީމުގެ އިސް ކޯޗުކަމާއި ހައި ޕާފޯމަންސް ޑިރެކްޓަރުކަން ވެސް އަދާކޮށްފައިވާ އަސަދުﷲ ގެ ބެލުމުގެ ދަށުން، ދިވެހި ޓީމު މިހާރު ފަރިތަކުރަމުން ދަނީ އަންނަ މަހު މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިސީސީ މެންސް ޓީ 20ވޯލްޑްކަޕް 2028ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފައިންގ މުބާރާތަށެވެ. މި މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެ ވާދަކުރަން ޖެހޭނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް، ސައުދީ އަރަބިއްޔާ، ޗައިނާ އަދި ކެމްބޯޑިއާއާ އެކުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.