ބަންގްލަދޭޝްގައި އިއްޔެ ފެށި އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ޓްރޮފީގެ ސައުތު އޭޝިއާ ޒޯން 2 މުބާރާތުގައި ރާއްޖޭގެ 20އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާން ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ.
މިއަދު ކުޅުނު މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 33-31ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ޖަރޒީ ނަންބަރު 3، މުޙައްމަދު ތައުފީގު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައިފައެވެ. ރާއްޖޭގެ 20އަހަރުން ދަށުގެ ޓީމު މިއަދު މޮޅުވިއިރު، އިއްޔެ ކުޅުނު މެޗުގައި ރާއްޖޭގެ 18އަހަރުން ދަށުގެ ޓީމުން ވެސް ވަނީ އަފްޣާނިސްތާނާ ބައްދަލުކޮށް 21-38ގެ ތަފާތަކުން ކުރިހޯދައިފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ، ނޭޕާލް އަދި އަފްޣާނިސްތާނެވެ. މުބާރާތަށް ފުރުމުގެ ކުރިން ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، ވަސީލަތްތައް މަދު ނަމަވެސް ރާއްޖޭގެ ޓީމުތަކުން މި މުބާރާތަށް ދިޔައީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.