އެފްއޭއެމްއިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގައި ރޭ ކުޅުނު ގއ. އަތޮޅުގެ ފައިނަލް މެޗުގައި ވިލިނގިލީގެ މައްޗަށް 4-0އިން ކުރިހޯދައި، އެ އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫން ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ރަށުގައި މުބާރާތް ހޯސްޓުކޮށް، ދެއްވަދޫއިން ތަށި އުފުލާލިއިރު، ގއ. އަތޮޅުން ޖުމްލަ ހަތަރު ރަށަކުން މި މުބާރާތުގައި ވާދަކުރިއެވެ. އެއީ ދެއްވަދޫގެ އިތުރުން ވިލިނގިލި، ކޮނޑޭ އަދި ގެމަނަފުއްޓެވެ. ލީގު އުސޫލުން ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓާ އެކު ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ދެއްވަދޫ އަދި ވިލިނގިއްޔެވެ.
ދިވެހި ފުޓްބޯޅައިގެ އައު ނިޒާމުގެ ތެރެއިން އެފްއޭއެމްއިން މި ފުޓްސަލް މުބާރާތް ފަރުމާކޮށްފައި ވަނީ މުހިންމު މަރުހަލާތަކެއް ހިމެނޭގޮތަށެވެ. އެގޮތުން އަތޮޅު މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް ޒޯން ޗެމްޕިއަންޝިޕްގެ ޖާގަ ލިބޭނެއެވެ. ޒޯން މުބާރާތްތަކުގެ އެންމެ މޮޅު ދެ ޓީމު ވާދަކުރާނީ ރީޖަނަލް ޗެމްޕިއަންޝިޕްގައެވެ. ރީޖަނަލް މުބާރާތް ކާމިޔާބުކުރާ ޓީމުތަކަށް ނޭޝަނަލް ޗެމްޕިއަންޝިޕްގެ ޖާގަ ލިބޭއިރު، ގައުމީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކަށް 2027ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ސީދާ ޖާގަ ކަށަވަރުވާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.
މުޅި ރާއްޖެއިން 59ޓީމަކުން މުބާރާތުގެ އަތޮޅު މަރުހަލާގައި ވާދަކުރިއިރު، 16އަތޮޅެއްގައި މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 15އަތޮޅެއްގެ މުބާރާތް ނިމިފައިވާއިރު، މިހާރު ބާކީ ނުނިމި އޮތީ ހަމައެކަނި ލ. އަތޮޅުގެ ފައިނަލް މެޗެވެ. އެކި އަތޮޅުތަކުގެ ޗެމްޕިއަނުންނަށް ބަލާއިރު، ހއ. އިން އިހަވަންދޫ، ހދ. އިން ހަނިމާދޫ، ނ. އިން މަގޫދޫ، ރ. އިން ދުވާފަރު އަދި ބ. އިން އޭދަފުށި ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން ޅ. އިން ހިންނަވަރު، ކ. އިން ގާފަރު، އއ.އިން މަތިވެރި، އދ. އިން ދަނގެތި، ފ.އިން ނިލަންދޫ، ދ.އިން މާއެނބޫދޫ، މ. އިން ދިއްގަރު، ތ.އިން ތިމަރަފުށި އަދި ގދ. އިން ވާދޫ ވަނީ އަތޮޅު ތަށި އުފުލާލާފައެވެ.
ބައެއް އަތޮޅުތަކުން އެންމެ ޓީމެއް ބައިވެރިވުމުގެ ސަބަބުން ކުޅުމަކާ ނުލައި ފަސް ޓީމަކަށް ވަނީ ޒޯން މުބާރާތުގެ ޖާގަ ލިބިފައެވެ. އެއީ މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫގެ ޓީމެވެ. މި ފުޓްސަލް މުބާރާތްތައް މެނޭޖުކޮށް ކުރިއަށްގެންދަނީ އެފްއޭއެމްއިން ކްލަބް މޯލްޑިވްސްއާ އެކު ވެފައިވާ ޚާއްޞަ އެއްބަސްވުމެއްގެ ދަށުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.