މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެފައި އޮތް ނަމަވެސް، ކުރިއަށް އޮތް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ ބުރު ސްޕޯޓްސް ކްލަބަށް ކުރިމަތިވެފައިވާ މާޔޫސްކަން ފިލައި، ޓީމުގެ ހާލަތު މުޅިން ބަދަލުވެގެންދާނެ ކަމަށް އެ ޓީމަށް އިރުޝާދުދެމުން އަންނަ ސްޕެއިންގެ ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.
ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޮޑްރިގޭޒް ބުނީ، އެންމެ ފަހުން ހއ. ދިއްދޫ އަތުން ބަލިވި މެޗަށްފަހު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށެވެ. މެޗު އެއްވަރުކުރުމަށް ފަހު ވަގުތާ ޖެހެންދެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކުޅުންތެރިންނަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް، ޓީމުގެ މީޓިންތަކުގައި މެޗުތަކުގެ ވީޑިއޯތައް ބަލައި، ޕޮޒިޓިވް ކަންކަމަށް ސަމާލުކަން ދިނުމުން ކުޅުންތެރިންގެ އިތުބާރު އަލުން އިއާދަވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ އެންމެ ގޯލެއް. ރަނގަޅު އެންމެ ނަތީޖާއެއް ނެރެވޭ ހިސާބުން ހުރިހާ ކަމެއް ވެސް ބަދަލުވެގެންދާނެ"އުންމީދާއެކު ރޮޑްރިގޭޒް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކާ މެދު ކުޅުންތެރިން ވެސް ފުރިހަމައަށް ގަބޫލުކުރާ ކަމަށެވެ.
މިއަދު ހަވީރު 16:00ގައި ބުރު ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އޮޑިއާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮޑްރިގޭޒް ބުނީ، ޕޯޗުގަލްގެ ކޯޗު ރުއީ ގްރެގޯރިއޯއާ އެކު އޮޑިން ރަނގަޅު ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
ރޮޑްރިގޭޒްގެ އިރުޝާދުގެ ދަށުން ބުރު ސްޕޯޓްސް މިހާތަނަށް ހަތަރު މެޗެއް ކުޅެފައިވާއިރު، އެ ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކަޕް ވިނާސް ކަޕްގައި ނިއު ރޭޑިއަންޓް އަތުން 5-0އިން، މާޒިޔާ އަތުން 2-1އިން އަދި އޮޑި އަތުން 2-0އިން ބަލިވިއިރު، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ދިއްދޫ އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.