ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިދޭސީ އައު ކީޕަރާ އެކު ބުރު ބަލިކުރުން ބިސްބުރުގެ އަމާޒު

ޝެއާ ކުރޭ Facebook Telegram Viber X

އިންޓަނޭޝަނަލް ބްރޭކަށްފަހު ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ލީގުގައި ހުކުރު ދުވަހު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗަށް، އައު ކުޅުންތެރިންނާއި ބިދޭސީ އައު ގޯލްކީޕަރާއެކު ބިސްބުރު ސްޕޯޓްސް ކްލަބުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

މިއީ އެ ޓީމުގެ ހެޑް ކޯޗު އަހުމަދު ނާޝިދު (ނާދު)ގެ ސީދާ އިރުޝާދުގެ ދަށުން ބިސްބުރުން ރަސްމީ މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ކުރިން ކުޅުނު ދެ މެޗުގައި ޓީމަށް އިރުޝާދުދިނީ ކޯޗު ޙަސަން މާހިރެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާޝިދު ބުނީ، ލީގު މެދުކެނޑިފައި އޮތް ދުވަސްވަރުގެ ބޭނުން ހިފައިގެން ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، އެދެވޭ ނަތީޖާއެއް ނެރެވޭނެކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މި މެޗަށް ނުކުންނައިރު ބިސްބުރުގެ ސްކޮޑަށް ވަނީ އައު ކުޅުންތެރިންތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ގާނާއަށް ނިސްބަތްވާ އުމުރުން 28އަހަރުގެ ގޯލްކީޕަރު ޕީޓަރ ސާކޯޑީއެވެ. ތަޖިކިސްތާނުގެ ލީގުގައި އެންމެ ފަހުން ކުޅުނު މި ކީޕަރުގެ ސަބަބުން ޓީމުގެ ފަހަތް އިތުރަށް ވަރުގަދަވެގެންދާނެކަމަށް ޓީމުން ގަބޫލުކުރެއެވެ.

ބުރު ސްޕޯޓްސްއާ ދެކޮޅަށް ރަސްމީ މެޗަކަށް ނުކުތުމުގެ ކުރިން ބިސްބުރުން ވަނީ އެ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. ނާޝިދު ފާހަގަކުރި ގޮތުގައި ކުރިއަށް އޮތް ލީގު މެޗަށް ޓީމު ތައްޔާރުކޮށްފައިވަނީ އެކުވެރިކަމުގެ މެޗުގައި ފާހަގަވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ. 

މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބިސްބުރު ވަނީ މޮޅުވެފައެވެ. ކްލަބް އީގަލްސް އަތުން ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ދިއްދޫގެ މައްޗަށް އެޓީމުން ވަނީ ކުރިހޯދާފައެވެ. ލިބިފައިވާ ތިން ޕޮއިންޓާ އެކު ބިސްބުރު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު