ޑެންމާކުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަމާޒުކުރި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން، ހުއްޓާލާފައިވާ "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ)މަޝްރޫއުގެ މުރާޖައާއެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ކައުންސިލަށް ހުށަހެޅުމަށް ފީފާއިން މިއަދު ނިންމައިފިއެވެ.
ރޮއިޓަރސްއަށް ދިން ބަޔާނެއްގައި ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ 37މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލަށް މި މަޝްރޫއުގެ ރިވިއުއެއް ވަރަށް އަވަހަށް ހުށަހެޅިގެންދާނެއެވެ. މިކަން މިގޮތަށް ނިންމާފައިވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައިގެން ބޭރުގެ އިންވެސްޓަރުންނަށް މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އުޅުނު މައްސަލައިގައި ގާނޫނީ ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބުދީފައި ނުވާތީ، ޑެންމާކް އެފްއޭގެ ރައީސް ޖެސްޕަރ މުލާ މިދިޔަ ހަފުތާގައި ނުރުހުން ފާޅުކުރައްވާފައި ވަނިކޮށެވެ. ފީފާއިން ބުނީ އެ އިދާރާގެ ދާއިމީ ކޮމިޓީތަކުން އަބަދުވެސް ކައުންސިލަށް ބޭނުންވާ ފަންނީ ލަފާ ދެމުން ގެންދާނެ ކަމަށެވެ.
ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ބޮޑެތި މުބާރާތްތަކުގެ 20އިންސައްތަ ވިއްކާލަން އިންފަންޓީނޯ ގެންގުޅުއްވި ވިސްނުމާ ދެކޮޅަށް ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުން ވަނީ ތެދުވެފައެވެ. އެގޮތުން، ޔޫރަޕްގެ ޔުއެފާ، އޭޝިއާގެ އޭއެފްސީ އަދި ކޮންކާކަފް ފަދަ ޖަމިއްޔާތަކުން ވަނީ ފީފާގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ޑިމާންޑުކޮށްފައެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އިންފަންޓީނޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ މެދު ވެސް މަޝްވަރާކޮށްފައެވެ.
ވިލާތުގެ ގިނަ ޤައުމުތަކަކުން އިންފަންޓީނޯއަށް ކުރަމުން އައި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، ގްރީސްގެ ފުޓްބޯޅަ އިދާރާގެ ރައީސް މަކީސް ގަގަޓްސީސް އާއި ޖަރުމަނުވިލާތުގެ ޤައުމީ ޓީމުގެ ކުރީގެ ޑައިރެކްޓަރު އޮލިވަރ ބިއަހޯފް ފަދަ އިސް ފަރާތްތަކުން ވެސް އަންނަނީ ޔުއެފާގެ ވިސްނުމަށް ތާއީދުކޮށް ފީފާގެ ލީޑަރޝިޕް ބަދަލުކުރުމަށް ގޮވާލަމުންނެވެ.
އެހެންނަމަވެސް، އަންނަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހު މޮރޮކޯގެ ރަބާތުގައި ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ހަތަރުވަނަ ދައުރަކަށް އިންތިޚާބުވުމުގެ ފުރުސަތު އިންފަންޓީނޯއަށް އަދިވެސް ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންވެ، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މިހާރު އަމާޒު ހިފާފައި ވަނީ އިންފަންޓީނޯގެ ބާރުތައް ހަނިކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.