ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަބުރު ނަގާލުމަށް ޔޫރަޕްގެ ފުޓްބޯޅަ ޖަމިއްޔާ (ޔުއެފާ)އިން ގަސްތުގައި ކެމްޕެއިނެއް ހިންގަމުންދާކަމަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެމެރިކާގެ ކޯޓެއްގައި ތުހުމަތުކޮށްފިއެވެ.
މި ތުހުމަތުތައް ފީފާއިން ކޮށްފައިވަނީ، އިންފަންޓީނޯއާ ދެކޮޅަށް ސްވިޒަލެންޑްގައި ޖިނާއީ ދައުވާއެއް އުފުލުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމުގެ ހުއްދައަކަށް އެދި ޔުއެފާއިން އެމެރިކާގެ ފެޑަރަލް ކޯޓަށް ހުށަހެޅި މައްސަލައަކަށް ރައްދުދެމުންނެވެ. ފީފާއިން ކޯޓުގައި ބުނެފައި ވަނީ، ޔުއެފާގެ މި އަމަލަކީ ގާނޫނީ ތުލާއެއްގެ ސިފަ ޖައްސައިގެން ނެރެފައިވާ ނޫސްބަޔާނެއް ފަދަ، ހަމައެކަނި ފީފާގެ އިސްވެރިން ބަދުނާމުކުރުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
މި މައްސަލައިގެ އަސްލަކީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ވިޔަފާރީގެ ހައްގުތައް ބެލެހެއްޓުމަށް ފީފާއިން އުފައްދަން އުޅުނު "ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)"ނަމަކަށް ކިޔާ ކުންފުންޏެވެ. ޔުއެފާއިން ބުނާގޮތުގައި މި ކުންފުނި އުފެއްދުމުގެ މަސައްކަތް ފީފާއިން ފެށީ، އެ އިދާރާގެ މެމްބަރު 211ގައުމާއި ހިންގާ ކޮމިޓީތަކުގެ ލަފަޔާއި މަޝްވަރާ އެކަށީގެންވާ ގޮތެއްގައި ނުހޯދައެވެ. އަދި މިކަމާ ގުޅިގެން އިންފަންޓީނޯގެ އިތުރުން ފީފާގެ އެހެން އިސް އޮފިޝަލުންތަކެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޔުއެފާއިން ދަނީ ވިސްނަމުންނެވެ.
ނަމަވެސް، މި ހިނގާ މަހުގެ ފުރަތަމަ ދުވަހު ފީފާއިން ވަނީ ޔުއެފާގެ ހުށަހެޅުން މަޑުޖައްސާލުމަށް ކޯޓުގައި އެދިފައެވެ. ފީފާއިން ދެކޭގޮތުގައި ޔުއެފާއިން އެ މަސައްކަތްކުރަނީ އަސްލެއްނެތް ޖިނާއީ މައްސަލައެއްގެ ނިވަލުގައި ތިބެގެން ނުބައި މައުލޫމާތުތަކެއް އެއްކުރުމަށެވެ. އަދި އެފްއެފްއީ ޕްރޮޖެކްޓް ފެށުނު ހިސާބުން ފެށިގެން އެކަމަށް ހުރަސްއެޅުމަށް ޔުއެފާއިން މަސައްކަތްކުރިކަން ވެސް ފީފާއިން ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޔުއެފާއާއި ސަރަހައްދީ އެހެން ޖަމިއްޔާތަކުގެ ނުރުހުމާއި ދެކޮޅުހެދުންތަކާ ހުރެ، މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހު ފީފާއިން ވަނީ އެފްއެފްއީގެ ހުށަހެޅުން މުޅިން ބާތިލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.