ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވިތާ މަދު ހަފުތާތަކެއްގެ ތެރޭގައި، އެ ޖަމިއްޔާގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ)ކެވިން ލަމޫރް ހޯމަ ދުވަހު މަގާމުން ދުރުކޮށްފިއެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޮމް ސޮއިކުރައްވައި މުވައްޒަފުންނާއި ކައުންސިލް މެންބަރުންނަށް ފޮނުއްވި ސިޓީއަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަމޫރް މަގާމުން ވަކިވެވަޑައިގަތީ ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ. ފީފާގެ ތަރުޖަމާނަކު ވަނީ ލަމޫރްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައިވާކަން ކަށަވަރުކޮށްދެއްވައި، ފާއިތުވި ދެ އަހަރު އޭނާ ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ލަމޫރް މަގާމުން މި ވަކިވީ، ފީފާގެ އާމްދަނީ އިތުރުކުރުމުގެ ނަމުގައި އިންފަންޓީނޯ ކުރިއަށް ގެންދަވަން އުޅުއްވި ޕްލޭނަށް އޭނާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައި ވަނިކޮށެވެ. އެގޮތުން، އެއީ އިންފަންޓީނޯގެ "އަމިއްލަ މަޝްރޫއެއް"ކަމަށް ސިފަކުރައްވައި، މުވައްޒަފުންނަށް ހަގީގަތް އޮޅުވާލާފައިވާކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ. އަދި ފީފާއަށް ޚިދުމަތްކުރުމުގެ ބަދަލުގައި، މުވައްޒަފުން އަމިއްލަ އެދުން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އިންފަންޓީނޯ 2016ވަނަ އަހަރު ރައީސްކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައި އިސް ދައުރެއް އަދާކުރެއްވި ލަމޫރްގެ ފާޑުކިޔުންތައް އަމާޒުވީ، ފީފާގެ ސީނިއަރ އެޑްވައިޒަރު ކާލޯސް ކޯޑެއިރޯ ވެސް މި މައްސަލައިގައި އިސްތިއުފާ ދެއްވި ފަހުންނެވެ. ފީފާއިން އުޅުނީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް 20ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދައި، އޭގެ 20އިންސައްތަ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލާށެވެ. އެހެންނަމަވެސް، ފުޓްބޯޅަ އާއިލާއާއި އާންމުންގެ ފަރާތުން ކުރިމަތިވި ހަރުކަށި ފާޑުކިޔުންތަކާއެކު ފީފާއިން ފަހުން ވަނީ އެ ނިންމުން ބާތިލުކޮށް މާފަށް ވެސް އެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.