ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްމޯލީ ހުށަހެޅި 1.2 މިލިއަން ޑޮލަރުގެ މައްސަލައިން އެފްއޭއެމް ސަލާމަތްވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު، އިނގިރޭސިވިލާތުގެ ޕޯލް ތޯމަސް ޕޯލް ސްމޯލީ އެ އިދާރާއިން 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ހޯދުމަށް ފީފާއަށް ހުށަހެޅި މައްސަލަ އެފްއޭއެމްއާ އެއްކޮޅަށް ނިމިއްޖެއެވެ.

ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްގެ ޕްލޭޔާސް ސްޓޭޓަސް ޗެމްބަރުން މިގޮތަށް ނިންމައިފައި ވަނީ ސްމޯލީ މިދިޔަ އަހަރުގެ މެދުތެރޭގައި ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.

މި ނިންމުމާ ގުޅިގެން އެފްއޭއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ އެސޯސިއޭޝަނަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު ވަރަށް މުހިންމު ނަތީޖާއެއްގެ އިތުރުން ބޮޑު ކާމިޔާބީއެއް ކަމަށެވެ. މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އެފްއޭއެމަށް މި ނިންމުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި މަހަކު 15,000 ޑޮލަރުގެ މުސާރައަކަށް މަސައްކަތް ކުރުމަށް ފަހު، ސްމޯލީ ރާއްޖޭގެ ފުޓްބޯޅައާ ގުޅުނީ ޖުލައި 2023 ގައެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ފަހުކޮޅުގައި އޭނާ ރާއްޖޭގެ ޓެކްނިކަލް އެންމެ އިސް މަގާމާ ހަވާލުވީ މަހަކު ގާތްގަނޑަކަށް 20,000 ޑޮލަރުގެ މުސާރައަކަށެވެ.

ނަމަވެސް، މަގާމާ ހަވާލުވުމަށް ފަހު ވެސް ކުރާނެ ސީދާ މަސައްކަތެއް ނެތި، ގާތްގަނޑަކަށް ހަތަރު މަސް ދުވަހު އޭނާ ހޭދަކުރީ ރާއްޖޭން ބޭރުގައެވެ. މީގެ އިތުރުން، ރާއްޖޭގައި އޭނާ ކުރިއަށް ގެންދިޔަ އޭ-ލައިސަންސް ކޯޗިން ކޯސް، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)އިން ބަލައިނުގަތުމުން އޭނާގެ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެފްއޭއެމުން ސްމޯލީއާ އެކު ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އަހަރެއް ވީތަނާހެން އޭނާ ވަނީ ރާއްޖޭގެ މަގާމުން ވަކިވެފައެވެ. އޭރު އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވެފައި ވަނީ، ސްމޯލީއާ އެކު ސޮއިކުރީ ގަތަރު އެފްއޭއިން މުސާރަ ދޭ ގޮތަށް، އަހަރުން އަހަރަށް އާކުރާ އުސޫލުން ކަމަށާއި އޭނާ ރާއްޖެ ދޫކޮށް ދިޔައީ އެއްބަސްވުން ހަމަވުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ދިއުމަށް ފަހު އޭނާ ގަތަރު އެފްއޭގެ ވަޒީފާއަކާ ގުޅުނު ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ.

އެހެން ނަމަވެސް، ސްމޯލީ ފީފާއަށް މައްސަލަ ހުށަހަޅައި ޑިމާންޑް ކުރީ، އޭނާގެ ފަސް އަހަރުގެ އެއްބަސްވުމުގެ ބާކީ ބަޔަށް ޖެހޭ މުސާރައިގެ ބަދަލެއްގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް ފީފާގެ ނިންމުމާ އެކު އެފްއޭއެމް މި ވަނީ މާލީ ބޮޑު ބުރަޔަކުން ސަލާމަތްވެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު