ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީގެ ވަދާއީ މެޗަށް އާޖެންޓީނާއިން ތައްޔާރުވަނީ

ޝެއާ ކުރޭ Facebook Telegram Viber X

އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ކެޕްޓަން ލިއޮނެލް މެސީއަށް ޝަރަފުވެރި އަލްވަދާއެއް ކިޔުމުގެ ގޮތުން ކުޅޭ ހާއްސަ މެޗަށް ނެގި ގައުމީ ސްކޮޑުގައި އޭނާ ހިމަނައިފިއެވެ.

އުމުރުން 39އަހަރުގެ މެސީ ގައުމީ ޖޯޒީގައި ފެންނާނެ އެންމެ ފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ބެނިންއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުއެނޮސް އައިރެސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައެވެ.

އާޖެންޓީނާ ފުޓްބޯޅަ އިދާރާ (އޭއެފްއޭ)ގެ ރައީސް ކްލޯޑިއޯ ޓާޕިއާ ވިދާޅުވީ، މިއީ ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީއާ މަޝްވަރާކުރުމަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހައްގުވާ ފަދަ ޝަރަފުވެރި އަލްވަދާއެއް ދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ. މީގެ އިތުރުން، 2022ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެމީހުންގެ އާއިލާތަކާ އެކު މި ހާއްސަ މެޗުގައި ބައިވެރިވުމުގެ ދައުވަތު ވަނީ އަރުވާފައެވެ.

މިދިޔަ މަހުގެ 31ވަނަ ދުވަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރި މެސީއަކީ އާޖެންޓީނާގެ ތާރީހުގައި ވެސް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 207މެޗުގައި 125ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބެނިންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، މި މަހުގެ 30ވަނަ ދުވަހު ބޮލީވިއާއާ ދެކޮޅަށް އަދި އަންނަ މަހުގެ ތިންވަނަ ދުވަހު ބުރުކީނާ ފާސޯއާ ދެކޮޅަށް އާޖެންޓީނާއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި މެޗުތަކުގައި މެސީ ކުޅޭނެ ކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން، ގައުމީ ސްކޮޑުގައި ހިމެނޭ ރޮޑްރިގޯ ޑި ޕޯލްއާއި ޖިއޯވާނީ ލޮ ސެލްސޯ ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ބެނިންއާ ދެކޮޅަށް ކުޅޭ ހާއްސަ މެޗުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު