އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު ޓެސްޓް ސިލްސިލާގައި ކަނޑައެޅިފައިވާ ވަގުތަށް އޯވަރުތައް އުކައި ނިންމާފައި ނުވާތީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން ޕާކިސްތާނުގެ 11ޕޮއިންޓް އުނިކޮށް ޖޫރިމަނާކުރުމާ ގުޅިގެން އެ ގައުމު ޓެސްޓް ރޭންކިންގެ އެންމެ ފުލަށް ވެއްޓިއްޖެއެވެ.
ދުނިޔޭގެ ކްރިކެޓްގެ މައި އިދާރާގެ އެލީޓް ޕެނަލް އޮފް މެޗު ރެފްރީންގެ ތަހުގީގަށް ފަހު ހާމަކޮށްފައިވާ ގޮތުގައި، އިނގިރޭސިންނާ ދެކޮޅަށް ކުޅުނު ތިން މެޗުގައި ވެސް ޕާކިސްތާނުން ވަނީ ގަސްތުގައި މެޗުތައް ދިގުދަންމާފައެވެ. މި މައްސަލައިގައި އައިސީސީގެ ގަވާއިދުގެ 2.22ވަނަ މާއްދާގެ ދަށުން، ވަގުތަށް ނުނިންމާ ކޮންމެ އޯވަރަކަށް މެޗު ފީގެ ފަސް އިންސައްތަ ކެނޑޭނެތީ، އެ ޓީމުގެ މެޗު ފީގެ 50އިންސައްތަ ވަނީ އުނިކޮށްފައެވެ. މިއީ މިފަދަ ކުށަކަށް ދެވޭނެ އެންމެ ހަރުކަށި އަދަބެވެ. ހަމައެއާއެކު، ގަވާއިދުގެ 16.11.2ވަނަ މާއްދާއަށް ރިއާޔަތްކޮށް، ލަސްވި ކޮންމެ އޯވަރަކަށް އެއް ޕޮއިންޓްގެ މަގުން ޖުމްލަ 11ޕޮއިންޓް ވެސް ވަނީ އުނިކޮށްފައެވެ.
މި ގެއްލުނު ޕޮއިންޓްތަކާއެކު ޕާކިސްތާނަށް މިހާރު ލިބިފައި ވަނީ އެންމެ ހަތަރު ޕޮއިންޓެވެ. އެހެންކަމުން އެ ޓީމު މިހާރު އޮތީ ރޭންކިން ތާވަލުގެ އެންމެ ފުލުގަ އެވެ. ޕާކިސްތާނުގެ ކުރީގައި 20ޕޮއިންޓާއެކު ވެސްޓް އިންޑީޒް އޮތްއިރު، ތާވަލުގެ އެންމެ ކުރީގައި 80ޕޮއިންޓާއެކު ފޯމުގައި އޮތީ އޮސްޓްރޭލިއާއެވެ.
މި ސިލްސިލާގެ ތިން މެޗުން ވެސް ޕާކިސްތާން ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައެވެ. މިއީ 2024ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުން މިފަދަ ޓެސްޓް ސިލްސިލާއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ޕާކިސްތާނުގެ ފޯމު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އެ ޓީމު އެންމެ ފަހުން ކުޅުނު 21ޓެސްޓް މެޗުގެ ތެރެއިން 16މެޗުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
އިނގިރޭސިންގެ އަތުން ވީ ބައްޔާއެކު ޕާކިސްތާން ކްރިކެޓް ބޯޑު (ޕީސީބީ)އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ޓީމުގެ ހަތް ކުޅުންތެރިއަކާއި ކޯޗިން ސްޓާފުން ވަނީ މަގާމުން ދުރުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޕީސީބީގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވަނީ އެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.