އިންގްލޭންޑް އަތުން ޕާކިސްތާނު ބަލިވި ލަދުވެތި މެޗަށް ފަހު، އެ ގައުމުގެ ޓެސްޓް ކްރިކެޓް ޓީމުގެ އިސް ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ރިޒްވާން އަދި އިމާމުލް ހައްގުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަން މައްސަލައަކާއި ޗޭންޖިން ރޫމުގެ ސިއްރުތައް ލީކުކުރިކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ނެޝަނަލް ސައިބާ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެންސީސީއައިއޭ)އިން ވަނީ މި ދެ ކުޅުންތެރިން ފުލުހަށް ހާޒިރުކޮށް ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ވަންދެން ސުވާލުކޮށްފައެވެ. މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލަމުންދަނީ، މި މަހުގެ ކުރީކޮޅު އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެ 194ލަނޑުން ޕާކިސްތާން ބަލިވި މެޗާ ދިމާކޮށް، އެކި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން މި ކުޅުންތެރިންގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރި ކަމަށް ބުނާ ފައިސާގެ މުއާމަލާތްތަކެވެ. އަދި ޓީމުގެ އެތެރޭގެ މައުލޫމާތުތައް ބޭރުކުރިކަމުގެ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އެންސީސީއައިއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ފުލުހުން ބެލިބެލުމުން މި ފައިސާއާ ގުޅުންހުރި ގިނަ މުއާމަލާތްތަކެއް އެ ކުޅުންތެރިންގެ މޯބައިލް ފޯނުން ވަނީ ފެނިފައެވެ. މި ކަންކަމަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން، އެކަށީގެންވާ ދިފާއެއް ބިނާކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ރިޒްވާނާއި އިމާމުލް ވަނީ ތަހުގީގު ޓީމުގައި އެދިފައެވެ.
ކޮރަޕްޝަންގެ މައްސަލައިގެ އިތުރުން، މި ދެ ކުޅުންތެރިން ގައުމީ ޓީމަށް ނެގި ގޮތާމެދު ސުވާލު އުފެދި، ޕާކިސްތާނުގެ ސިލެކްޝަން ކޮމިޓީން ވެސް ދަނީ ހާއްސަ އިންކުއަރީއެއް ހިންގަމުންނެވެ. އެއީ، ޕާކިސްތާން ޕްރެޒިޑެންޝަން ޓްރޮފީގައި ވާދަކުރުމަށް ހަދަންޖެހޭ ފިޓްނަސް ޓެސްޓުން ފެއިލްވެ، އަދި ކަނޑައެޅިފައިވާ މުއްދަތުގައި ކްލަބަށް މެޑިކަލް ރިޕޯޓުތައް ހުށަހަޅާފައި ނުވާތީއެވެ. އިމާމުލް ހައްގު ތަމްސީލުކުރަނީ ގައުމީ ތެޔޮ ކުންފުނީގެ ޓީމެވެ. އަދި ރިޒްވާން ނުކުންނަނީ ގޭސް ޕައިޕްލައިން ކުންފުނީގެ ޓީމަށެވެ. ނަމަވެސް ފިޓްނަސް މައްސަލަތަކާ ހުރެ އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު އެމީހުންނަށް ވަނީ ގެއްލިފައެވެ.
މިފަހުން އިންގްލޭންޑް އަތުން ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ޕާކިސްތާން ކްރިކެޓް ބޯޑު (ޕީސީބީ)އިން ވަނީ ކޯޗިން ސްޓާފުން ހިމެނޭހެން ޓީމުގެ ހަތް މެމްބަރަކު މަގާމުން ދުރުކޮށްފައެވެ. މި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ކުރީގެ ކްރިކެޓް ކުޅުންތެރިންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޕީސީބީގެ ރައީސް އަދި ގައުމުގެ ދާހިލީ ވަޒީރު ވަނީ އެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.