ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކްރިކެޓް ލެޖެންޑް އިމްރާން ޚާން ޖަލުގައި ހުންނަވާއިރު އޭނާގެ ސިއްހީ ހާލަތު ދަށްވަމުންދާތީ، އިންސާނިއްޔަތުކަން އިސްކޮށް އެކަށީގެންވާ ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ދުނިޔޭގެ އެކި ގައުމުތަކުގެ ކުރީގެ 21ކްރިކެޓް ކެޕްޓަނަކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ގޮވާލައްވައިފިއެވެ.
މިއީ ކްރިކެޓް ކެޕްޓަނުންގެ ފަރާތުން ޕާކިސްތާނު ސަރުކާރަށް ލިޔުމުން ހުށަހެޅި ދެވަނަ ފަހަރެވެ. ބަންގްލަދޭޝް ކްރިކެޓް ބޯޑުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު އަޝްރަފުލް ހައްގު އެންމެ ފަހުން މިކަމަށް ބާރުއަޅުއްވައި ވާހަކަދައްކަވާފައިވާއިރު، މީގެ ހަ މަސްދުވަސް ކުރިންވެސް މިފަދަ ސިޓީއެއް ވަނީ ފޮނުވާފައެވެ. އެ ބޭފުޅުން ވަނީ ކުޅިވަރުގެ މައިދާނުގައި އިމްރާން ޚާނަކީ ސަރަހައްދީ އިމުން ބޭރުގައި ވެސް އިހުތިރާމް ލިބިގެންވާ ޝަހުސިއްޔަތެއްކަން ފާހަގަކޮށްފައެވެ.
އުމުރުފުޅުން 73އަހަރުގެ އިމްރާން ޚާންގެ ދިފާއުގައި ކްރިކެޓް ކުޅުންތެރިން ތެދުވެފައި މިވަނީ، އެމަނިކުފާނުގެ އަސާސީ ހައްގުތަކުން މަހުރޫމުކޮށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް އާއިލާއިން ތަކުރާރުކޮށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. އާއިލާއިން މައުލޫމާތުދޭ ގޮތުގައި، ފަރުވާ ނުލިބުމުގެ ސަބަބުން އެމަނިކުފާނުގެ އެއް ލޮލުގެ ފެނުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އަދި ނިމިދިޔަ މަހު ހާލުކޮޅު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދިއުމަށްފަހު ވަގުތުން އަނބުރާ ޖަލަށް ގެންދިޔަ މައްސަލައިގައި ކްރިކެޓް އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޕާކިސްތާނަށް 1992ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދެއްވި ކެޕްޓަން، ޖަލު ބަންދުގައި ހުންނެވީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ޕާޓީއަކީ މިހާރު އެ ގައުމުގައި މަނާކޮށްފައިވާ ސިޔާސީ ހަރަކާތެކެވެ.
މި ތުހުމަތުތަކަށް ރައްދުދެމުން ޕާކިސްތާނުގެ ސަރުކާރުން ވަނީ އިމްރާން ޚާނަށް އެއްވެސް އިހުމާލެއް ނުވާކަމަށް ބުނެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެމަނިކުފާނަށް ބޭނުންވާ ޑޮކްޓަރުންނާއި ފަރުވާ ގަވާއިދުން ލިބެން ހުންނާނެއެވެ. އަދި ބައެއް ފަހަރު އާއިލާއިން އެދޭ ވަކި ހޮސްޕިޓަލްތަކަށް ނުގެންދެވެނީ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް ވެސް ސަރުކާރުން ވަނީ ސާފުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.