ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްރިކެޓް ހަލާކުވެއްޖެކަމަށް ބުނާ ފަރާތްތަކަށް ނަގްވީގެ ހޫނު ރައްދެއް!

ޝެއާ ކުރޭ Facebook Telegram Viber X

އިންގްލެންޑް އަތުން ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޓީމަށް ގެނައި ބަދަލުތަކާ ގުޅިގެން ޕާކިސްތާނުގެ ކްރިކެޓް އެއްކޮށް ވަޅުޖެހިއްޖެކަމަށް ބުނެ ކުރީގެ ކުޅުންތެރިން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް، އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު އަދި ކްރިކެޓް ބޯޑުގެ ރައީސް މޮހްސިން ނަގްވީ ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ. 

ނަގްވީ ވިދާޅުވީ ކުޅިވަރުގައި ބަލިވުމަކީ އާންމު ކަމެއް ކަމަށާއި، އިންޑިއާ އަދި ދެކުނު އެފްރިކާ ފަދަ ބޮޑެތި ޓީމުތައް ވެސް ކުދި ގައުމުތައް އަތުން ބަލިވެފައިވާކަމަށެވެ. އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ ނަގްވީ ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ މަންފާއަށްޓަކައި ޒާތީ ގޮތުން ބަޔަކު ކުރާ ފާޑުކިޔުންތަކަށް އޭނާ ސަމާލުކަމެއް ނުދެއްވާނެއެވެ. ނަމަވެސް، ވަސީމް އަކްރަމް ފަދަ ތަޖުރިބާކާރު ލެޖެންޑުން ދައްކަވާ ވާހަކަތަކަށް އަބަދުވެސް އިހުތިރާމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަގަނޑު ފެންމަތިވީ އިންގްލެންޑް އަތުން 194ލަނޑުގެ ބޮޑު ތަފާތަކުން ޕާކިސްތާނު ބަލިވި ހިސާބުންނެވެ. އެއާ އެކު، ޓީމުގެ ހަތް ކުޅުންތެރިއަކު ބާކީކޮށް، ކޯޗު ޝަފްރާޒް އަހުމަދާއި ބޯލިން ކޯޗު އުމަރު ގުލް ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ސިލެކްޝަން ކޮމިޓީގައި ހިމެނޭ ކުރީގެ ކެޕްޓަން މިސްބާހުލް ހައްގު މަގާމުން އިސްތިއުފާ ދިނުމާ އެކު، 1992ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމުގެ ކްރިކެޓްގެ ހައިބަތު ގެއްލިއްޖެކަމަށް ބުނެ ކުރީގެ ކުޅުންތެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓީމަށް ގެންނަންޖެހުނު ބަދަލުތައް ދިފާއުކުރައްވަމުން ނަގްވީ ވިދާޅުވީ، ކުޅުންތެރިން ބާކީކުރީ އަބަދަށް ނޫންކަމަށާއި، އެއީ ފޯމު ދަށްވުމުގެ ސަބަބުން ނިންމި ވަގުތީ ނިންމުމެއް ކަމަށެވެ. ހަމައެއާއެކު، ސިލެކްޝަންގެ މައްސަލަތައް ހައްލުކުރުމަށް ކޯޗިން ސްޓާފުން ބަދަލުކުރަން މަޖުބޫރުވީ ސަރުކާރާއި ކްރިކެޓް ބޯޑަށް އޭނާ ޖަވާބުދާރީވާން ޖެހޭތީކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ޓީމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ފާއިތުވި އަހަރުތަކުގައި ރޭންކިންގްގައި ޕާކިސްތާނުން ހޯދި ކުރިއެރުންތައް ފާޑުކިޔާ މީހުންނަށް ނުފެންނަނީތޯ ނަގްވީ ވަނީ ސުވާލު އުފައްދަވާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު