ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕާކިސްތާނުގެ ކޯޗު ވަކިކޮށް ޓީމަށް ބޮޑެތި ބަދަލުތަކެއް!

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު ޓެސްޓް މެޗުން 194ލަނޑުގެ ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން، ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗާއި ބޯލިން ކޯޗު މަގާމުން ދުރުކުރުމަށް ފަހު، ސްކޮޑުން ހަތް ކުޅުންތެރިއަކު ބާކީކޮށް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މި ގެނެވުނު ކުއްލި ބަދަލުތަކުގެ ތެރޭގައި، މިދިޔަ އޭޕްރީލް މަހު ހެޑް ކޯޗުގެ މަގާމާ ހަވާލުވި ޝަފްރާޒް އަހުމަދާއި ބޯލިން ކޯޗު އުމަރު ގުލް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ޝަފްރާޒްގެ ބަދަލުގައި ޓީމަށް އިރުޝާދު ދިނުމާ ދެން ހަވާލުވާނީ އާ ކޯޗު މައިކް ހެސެންއެވެ. މީގެ އިތުރުން ޓީމުން ބާކީކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު ރިޒްވާން، އިމާމުލް ހައްގު، ސަލްމާން އަލީ އަގްހާ، އަލީ އުސްމާން، އާމިރު ޖަމާލް، މުހައްމަދު އާވިސް ޒަފަރު އަދި ކުއްރަމް ޝަހްޒާދެވެ.

ފޯމު ދަށްވުމުގެ ސަބަބުން ބާކީކުރި ކުޅުންތެރިންގެ މަގާމުތައް ފޫބެއްދުމަށް އާ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން ސްކޮޑަށް އަލަށް ގުޅުނު ކުޅުންތެރިންނަކީ ސައިމް އަޔޫބް، އަބްދުﷲ ފަޒާލް، ވާތުން އުކާ އޯލް ރައުންޑަރު އަރަފާތް މިންހާސް، އިމްރާން ޖޫނިއާ، ވިކެޓް ކީޕަރު އަދި ބެޓްސްމަން ސާދް ބާއިގްގެ އިތުރުން މުހައްމަދު އިމްރާން އަދި ރަޒާއުﷲއެވެ. އިނގިރޭސިންނާ ދެކޮޅަށް ކުޅޭ ޓެސްޓް ސިލްސިލާގެ އެންމެ ފަހު މެޗުގައި ޕާކިސްތާނު ޓީމަށް ކެޕްޓަންކަން ކޮށްދޭނީ ތަޖުރިބާކާރު ކުޅުންތެރިޔާ ބާބަރް އަޒަމްއެވެ.

ޕާކިސްތާނުގެ ކްރިކެޓް ބޯޑުން މި ހަރުކަށި ފިޔަވަޅުތައް އަޅާފައިމިވަނީ، އިނގިރޭސި ޓީމު އަތުން ލަދުވެތި ގޮތަކަށް ބަލިވުމާ ގުޅިގެން ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މެޗުގައި ޕާކިސްތާނު ޓީމުގެ ފަރާތުން ފެނުނު ހަމައެކަނި އުއްމީދީ ކުޅުމަކީ 97ލަނޑު ހެދި ސައުދު ޝަކީލްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު