އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު ޓެސްޓް މެޗަކުން ބޮޑު ތަފާތަކުން ބަލިވެ، ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެން މާޔޫސީ ހާލަތެއްގައި އޮތް ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން އިނގިރޭސި ރަސްގެފާނު ޗާލްސް، ކްލަރެންސް ހައުސްގައި އެ ކުޅުންތެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ހާއްސަ ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު އަދި ކްރިކެޓް ބޯޑުގެ ޗެއާމަން މޮހްސިން ނަގްވީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަގްވީ ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ރަސްގެފާނު ވަނީ ކުޅުންތެރިންގެ އަޒުމް އާކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި ހަމައެހެންމެ، ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ޕާކިސްތާނުން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.
ޕާކިސްތާނުގެ ޓީމު މިހާރު އިނގިރޭސިވިލާތަށް ކުރަމުންދާ ދަތުރަކީ ތިން މެޗުގެ މައްޗަށް އެކުލެވޭ ޓެސްޓް ސީރީސްއެއް ފުރިހަމަކުރުމަށް ކުރާ ދަތުރެކެވެ. ނަމަވެސް، ދެވަނަ މެޗުގައި 194ލަނޑުގެ ބޮޑު ފަރަގަކުން އިނގިރޭސިން އަތުން ބަލިވުމާއެކު، ޓީމުގެ ކޯޗު މަގާމުން ދުރުކޮށް ހަތް ކުޅުންތެރިއަކު ވަނީ ސްކޮޑުން ބާކީކޮށްފައެވެ. ސީރީސްގެ ބާކީ އޮތް މެޗުން ސަލާމަތްވުމުގެ އުއްމީދުގައި، ޓީމުގެ އިރުޝާދު ދިނުމުގެ ޒިންމާ ވަގުތީގޮތުން މިހާރު ހަވާލުކޮށްފައިވަނީ ވަން-ޑޭ ޓީމުގެ ކޯޗު މައިކް ހެސެންއާއެވެ.
މައިކް ހެސެން ބުނި ގޮތުގައި، އޭނާ ޓީމާ ހަވާލުވިއިރު ގިނަ އަދަދެއްގެ ތަޖުރިބާކާރު ކުޅުންތެރިން ބާކީކޮށްފައިވުމުން، ޓީމު ހަމައަކަށް އެޅުވުމަށްޓަކައި އޭނާ ވެސް އިތުރު ބަދަލުތަކެއް ގެނެސްފައިވާނެއެވެ. އަދި އޭނާގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ ރަސްގެފާނާ ބައްދަލުކުރުންކަން ފާހަގަކުރަމުން ހެސެން ބުނީ، ދަށް ނަތީޖާއާއި ކުއްލި ބަދަލުތަކުގެ ސަބަބުން ކުޅުންތެރިންނަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، މުޅި ޓީމުގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައި މޮޅު ނަތީޖާއެއް ނެރުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.