ޑުބާއީގައި ނިމިގެންދިޔަ އޭޝިއަން ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލްގައި ސްރީލަންކާ ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް ފަހު، އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ޕާކިސްތާނުގެ މުޙްސިން ނަޤްވީގެ އަތްޕުޅުން އިނާމު ހާސިލްކުރަން ބޭނުންނުވާކަމަށް ބުނެ، އިންޑިއާގެ އަންހެން ގައުމީ ޓީމުން ތަށި އުފުލާލަން ދެކޮޅުހަދައިފިއެވެ.
ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން މިފަދައިން އަމަލުކުރުމާ ގުޅިގެން، އެ ހަފްލާ ގާތްގަނޑަކަށް އެއްގަޑިއިރަށް މެދުކެނޑިގެން ދިޔައެވެ. އެންމެފަހުން އެ ރަސްމިއްޔާތު ނިންމާލަން ޖެހުނީ، މެޗުގެ އަމްޕަޔަރުންނާއި ދެވަނައަށް ދިޔަ ސްރީލަންކާގެ ކުޅުންތެރިންނަށް ހަމައެކަނި މެޑަލް ހަވާލުކުރުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޑިއާ ޓީމުގެ ކޯޗު އަމޯލް މުޒުމްދާރު ހާމަކުރެއްވި ގޮތުގައި، މިއީ އިންޑިއާގެ ކްރިކެޓް ބޯޑު (ބީސީސީއައި)އިން ނިންމާފައިވާ ނިންމުމެކެވެ. އަދި މުޅި ޓީމު އޮތީ އެ ނިންމުމާ އެއްކޮޅަށް ކަމަށާއި، ފައިނަލް މެޗު ނިމުމުން އެ ޓީމަށް މުބާރާތް ނިމުނީކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަރެމެންނަކީ މި މުބާރާތުގެ ޗެމްޕިއަނުން. އެވަރުން އަހަރެމެންނަށް ފުދޭ"ތަށި ލިބޭނެ ދުވަހެއް ނޭނގޭކަން ފާހަގަކުރަމުން ކޯޗު ވިދާޅުވިއެވެ.
އިންޑިއާގެ އަންހެން ޓީމުން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން އެ ގައުމުގެ ފިރިހެން ކްރިކެޓް ޓީމުން ވެސް ވަނީ ހަމަ މިގޮތަށް އަމަލުކޮށްފައެވެ. އެ ފަހަރު ވެސް އިންޑިއާއިން ތައްޓާ ހަވާލުވާން ދެކޮޅުހެދީ، ނަޤްވީއަކީ އޭސީސީގެ ރައީސްކަމުގެ އިތުރުން ޕާކިސްތާނުގެ ސިޔާސީ އިސް މަގާމެއް ފުރުއްވަމުންގެންދަވާ ބޭފުޅަކަށް ވުމުންނެވެ. އޭނާއަކީ ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ އިތުރުން އެ ގައުމުގެ ކްރިކެޓް ބޯޑުގެ ރައީސް ވެސްމެއެވެ.
މި މައްސަލަތަކާ ގުޅިގެން އޭސީސީން ކަނޑައަޅާފައިވާ އުސޫލަކީ، އެ އިދާރާގެ މުބާރާތްތަކުގެ ޗެމްޕިއަން ތަށި ހަވާލުކުރައްވާނީ ކައުންސިލްގެ ރައީސް ކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދާނަމަ، އެއްވެސް ޓީމަކަށް ތަށި ދޫނުކުރުމަށް އޭސީސީން ވަނީ ނިންމާފައެވެ. އެހެންކަމުން، އިންޑިއާގެ ފިރިހެން ޓީމަށްވެސް މިހާތަނަށް އެ މުބާރާތުގެ ތަށި ހަވާލުކޮށްފައެއް ނުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.