ސަރުކާރުގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ އައިސީސީ އަންހެނުންގެ ކްރިކެޓް މުބާރާތް ސްރީލަންކާގައި ނުބާއްވަން އެ އިދާރާއިން ނިންމައިފިއެވެ.
ފެބްރުއަރީ 14އިން 28އަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ މި މުބާރާތް ދެން ބާއްވާނެ ގައުމެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ސްރީލަންކާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޕްރަކާޝް ޝަފްޓާ ވަނީ މި މުބާރާތް އެހެން ގައުމަކަށް ބަދަލުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ދެން މި މުބާރާތް ބާއްވާނެ މަންޒިލެއް ނިންމާނީ އައިސީސީގެ އެކްޒެކެޓިވް ކޮމިޓީން ބާއްވާ ކުރިއަށް އޮތް ބައްދަލުވުމުގައެވެ.
ދުނިޔޭގެ ކްރިކެޓްގައި ކުރިން ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ލަންކާއަށް މި ފުރުސަތު ގެއްލުނީ އެ ގައުމުގެ ކްރިކެޓް ބޯޑަށް ސިޔާސީ ނުފޫޒު ވަދެފައިވާތީއެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ ބޯޑުގެ ހުރިހާ މެމްބަރުން މަގާމުން ދުރުކޮށްފައިވާއިރު، މިވަގުތު ބޯޑު ހިންގުމާ ހަވާލުވެފައި ވަނީ އައު އިންތިހާބެއް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މި މުބާރާތް ދެން ބޭއްވުން އެންމެ އެކަށީގެންވަނީ އައިސީސީ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ފަސް ގައުމުގެ ތެރެއިން ގައުމެއްގައެވެ. ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި ލަންކާ އޮތްއިރު، ރޭންކިން ދަށް ގައުމެއްގައި މުބާރާތް ބާއްވައިފިނަމަ ވަގުތީ ބޯޑެއް އޮތް ލަންކާއަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. މި މުބާރާތް ގެއްލުމުގެ ސަބަބުން ލަންކާއަށް ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. މީގެ ކުރިން 2024ވަނަ އަހަރުގެ 19އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް ލަންކާގައި ނުބޭއްވުނީ އައިސީސީން އެ ގައުމު ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.