ފާއިތުވި ހޮނިހިރު ދުވަހުގެރޭ ބުރައިދާގައި އަލް-ހިލާލްއާއި އަލް-ތާވޫން ބައްދަލުކުރި މެޗުގެ ތެރެއިން، ރުބެން ނެވޭސްގެ ނިޔާވެފައިވާ އެކުވެރިޔާ ޑިއޯގޯ ޖޮޓާގެ ނަން ބޭނުންކޮށްގެން އޭނާއަށް ފުރައްސާރަކުރި ފަރާތްތައް އުމުރު ދުވަހަށް ފުޓްބޯޅަ ދަނޑުތަކަށް ނުވަދެވޭނެހެން ސަސްޕެންޑުކުރުމަށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގޮވާލައިފިއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ބައެއް ސަޕޯޓަރުން ވަނީ ގަސްތުގައި ޖޮޓާއަށް ނިސްބަތްކޮށް އަޑުގަދަކޮށްފައެވެ. މި މަންޒަރުތައް ހިމެނޭ ޕޯސްޓަކަށް ރައްދުދެމުން، އަލް-ނަސްރުގެ ކެޕްޓަން ރޮނާލްޑޯ ބުނީ، މިއީ އެއްވެސް ހާލެއްގައި ފުޓްބޯޅަ ކަމުގައި ނުބެލެވޭނެ ކަމަށާއި، މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގާ މީހުންނަށް ދެން ދުވަހަކު ވެސް ސްޓޭޑިއަމްތަކުން ޖާގަދީގެން ނުވާނެ ކަމަށެވެ. އަދި ލީގުގެ ފަރާތުން މި މައްސަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ބާރުއަޅާފައެވެ.
މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު (2025ވަނަ އަހަރު)ސްޕެއިންގެ ޒަމޯރާ ސަރަހައްދުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޖޮޓާގެ އިތުރުން އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ ވަނީ ނިޔާވެފައެވެ. ޕޯޗުގަލްގެ މިޑްފީލްޑަރު ނެވޭސް އަކީ ޖޮޓާއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކުޅުންތެރިއަކަށްވާއިރު، އޭނާ ވަނީ ޖޮޓާގެ ކަށުކަމާކެމީގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެސް ވެފައެވެ.
މި ހިތާމަވެރި ހާދިސާއަށް ޖޯކުޖެހި މައްސަލަ އަލް-ހިލާލް އިން މިހާރު ވަނީ ސައުދީ ފުޓްބޯޅަ އިދާރާއަށް ރަސްމީކޮށް ހުށަހަޅާފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޅުންތެރިންގެ ޒާތީ ދިރިއުޅުމާއި އާއިލާއަށް އަމާޒުކޮށް ދެވޭ މިފަދަ ހަމަލާތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު، އިދިކޮޅު ޓީމު ކަމަށްވާ އަލް-ތާވޫން އިން ވެސް ވަނީ އެ ކުލަބުގެ ސަޕޯޓަރުންގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް، މިއީ އެ ކުލަބުގެ ސަގާފަތާ ބީރައްޓެހި ކަމެއްކަން ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސައުދީ ޕްރޯ ލީގާއި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، މީހުންނަށް ދިމާވާ ހިތާމަތައް ފުރައްސާރައަކަށް ހެދުމަށް ސައުދީ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް ނޯންނާނެކަން ކަށަވަރުކޮށްދީފައެވެ. އަދި ކަމާބެހޭ ކޮމިޓީތަކުން މައްސަލަ ތަހުގީގުކުރުމަށްފަހު އަދަބުތައް އިއުލާނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަލް-ހިލާލް އިން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މި މެޗުގައި ނެވޭސް ވަނީ 75މިނެޓު ވަންދެން ކުޅެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.