ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖޮޓާއަށް ފުރައްސާރަކުރި މައްސަލައިގައި އަދަބުދީފި

ޝެއާ ކުރޭ Facebook Telegram Viber X

މިދިޔަ ހޮނިހިރު ދުވަހު އަލް-ހިލާލާ ދެކޮޅަށް ކުޅުނު މެޗުގައި މަރުވެފައިވާ ޕޯޗުގަލްގެ ފޯވާޑް ޖޮޓާގެ ނަމުން ގޮވައި އަލް-ތާވޫންގެ ސަޕޯޓަރުން ކުރި ފުރައްސާރައާ ގުޅިގެން، ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ އެ ކުލަބު ބޮޑު އަދަދަކުން ޖޫރިމަނާކޮށް ކުރިއަށް އޮތް ދެ މެޗަށް ދަނޑު ބަންދުކުރުމަށް ނިންމައިފިއެވެ.

ސައުދީ ފުޓްބޯޅަ އިދާރާގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ނިންމާފައި ވަނީ އަލް-ތާވޫން 100،000ރިޔާލް (26،660އެމެރިކާ ޑޮލަރު)އިން ޖޫރިމަނާކުރުމަށެވެ. މީގެ އިތުރުން، އެ ޓީމަށް ދެން ކުޅެން ޖެހޭ ދެ މެޗުގައި ސަޕޯޓަރުން ދަނޑަށް ނުވެއްދުމަށް ވެސް ވަނީ އަންގާފައެވެ.

ސަޕޯޓަރުންގެ މި ހުތުރު އަމަލު އަމާޒުކޮށްފައި ވަނީ އަލް-ހިލާލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސްއަށެވެ. މިދިޔަ އަހަރު ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އޭނާގެ ކޮއްކޮ އެންޑްރޭ ސިލްވާއާއެކު މަރުވި ޖޮޓާއަކީ ނެވޭސްއާ އެކު ކުރިން ކުޅެފައިވާ އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ. އެގޮތުން ޖޮޓާގެ ކަށުކަމާކެމީގެ ކަންކަމުގައިވެސް ނެވޭސް ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.

އަލް-ހިލާލްގެ ފަރާތުން 6-0އިން އަލް-ތާވޫން ބަލިކުރި މި މެޗުގެ ތެރެއިން ފެނިގެންދިޔަ މި މަންޒަރުތަކުގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވުމާ އެކު ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އަދި އަލް-ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

މި މައްސަލަ ރަސްމީކޮށް ސައުދީ ފެޑެރޭޝަނަށް ހުށަހެޅީ އަލް-ހިލާލްގެ ފަރާތުންނެވެ. އެ ކުލަބުން ބުނެފައިވަނީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށެވެ. ހަމައެހެންމެ، އަލް-ތާވޫނުންވެސް ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ މި އަމަލު ކުށްވެރިކޮށް، މިއީ ކުލަބުގެ އުސޫލުތަކާ ބީރައްޓެހި ދަށުދަރަޖައިގެ ކަމެއްކަން ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު