ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މުޅި އުމުރަށް ސަސްޕެންޑްކުރަން ފީފާއިން ނިންމުމާ އެކު، ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ކަޅު ސަފުހާއެއް ލިޔެވިއްޖެއެވެ.
ކްލަބް ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގައި ފެށި ނަމަވެސް، ފަހުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމާއި ރައީސްކަމާ ހަވާލުވެ ބައްސާމް ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ވަނީ މިއިން ދުވަހަކު ސަލާމަތް ނުވާވަރުގެ އަނދިރިގަނޑަކަށް ވައްޓާލާފައެވެ. އޭނާގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރު 23އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަހުން އިތުރު 8އަހަރުގެ ހުކުމެއް ވެސް ކޮށްފައެވެ.
ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ ޑިސެމްބަރު 2014ގައެވެ. އޭގެ ފަހުން 2016ވަނަ އަހަރުގެ ކުރީކޮޅު އެފްއޭއެމްގެ ޗެއާމަންކަމާ ހަވާލުވެ، އެ އަހަރު ބޭއްވި އިންތިހާބުގައި އަހުމަދު ތޯރިގް (ޓޮމް)އާއެކު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޓޮމް އޭނާ މަގާމުން ވަކިކުރުމުން، އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދީގެން ކޮމިޓީ އުވާލިއެވެ. ފަހުން ފީފާއިން ބައްސާމް އަލުން މަގާމަށް އައްޔަންކޮށް، އިންތިހާބު ބޭއްވުމުގެ ޒިންމާ ހަވާލުކުރުމުން، ނޮވެމްބަރު 20، 2016ގައި އޮތް އިންތިހާބުގައި ޓޮމްއާ ވާދަކޮށް 14-11ވޯޓުން ބައްސާމް ރައީސްކަން ކާމިޔާބުކުރީ ސިޔާސީ ނުފޫޒުގަދަ މަޖިލިސް މެމްބަރުން އެކްސްކޯގައި ހިމަނައިގެން އޭރުގެ ރައީސް ޔާމީނުގެ ރުހުން ހޯދައިގެންނެވެ.
ބައްސާމްގެ ފުރަތަމަ ދައުރުގައި ގައުމީ ޓީމުން 2018ގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށް، އަންހެން ގައުމީ ޓީމާއި 18އަހަރުން ދަށުގެ ޓީމުން ލޯ މެޑަލް ހޯދުން ފަދަ ކާމިޔާބީތަކެއް ހާސިލްކުރިއެވެ. ނަމަވެސް، ފަހުން މުބާރާތްތައް ނުބޭއްވުމާއި، އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމާއި، އަލީ އަޝްފާގް (ދަގަނޑޭ)އަށް ފުރުސަތު ނުދިނުމުގައި އެފްއޭއެމްގެ ނުފޫޒު އޮތުމުން އާންމުންގެ ނުރުހުން އަމާޒުވިއެވެ. އަދި އޭރުގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ އޮފީހެއް ހިންގަން އެފްއޭއެމުން ޖާގަ ދިން ކަމަށް ބުނެ ފާޑުކިއުން އަމާޒުވިއިރު، ޖީއެސް ހުސެއިން ޖަވާޒް އެކަން ދޮގުކުރެއްވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެފްއޭއެމްގެ މައްސަލަތައް ބަލަން އުޅުމުން ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ނިއު ރޭޑިއަންޓުން ބައްސާމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން އެ ކްލަބް ސަސްޕެންޑްކުރިއިރު، ވިކްޓްރީން ކުރި މަސައްކަތް ފީފާއިން ހުއްޓުވިއެވެ. ފަހުން މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމަނައިގެން ގައުމީ ޓީމު ކޮމިޓީއެއް ހެދި ނަމަވެސް އެ ކޮމިޓީ ކުއްލިއަކަށް އުވާލިއެވެ. ޖުލައި 2020ގައި ބޭއްވި އިންތިހާބުގައި، އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލާތީ ވޯޓަކާ ނުލައި ބައްސާމް ދެވަނަ ދައުރަކަށް ހޮވުނެވެ.
ދެވަނަ ދައުރުގައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯގެ އެކަޑަމީއާއެކު އެއްބަސްވުން ހަދައި، 16ރަށެއްގައި ޓާފް ދަނޑު އަޅަން އިއުލާނުކޮށް، 2021ގެ ސާފް ޗެމްޕިއަންޝިޕް މާލޭގައި ބޭއްވި ނަމަވެސް، ޓިކެޓް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވުނެވެ. މީގެ އިތުރުން، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގައުމީ ޓީމަށް ދިން 1.2މިލިއަން ރުފިޔާ ކުޅުންތެރިންނަށް ނުދިނުމާއި، މުވައްޒަފުންނަށް މުސާރަ ނުދިނުމާއި، ކަރަންޓު ބިލުތައް ނުދެއްކުމުގެ ސަބަބުން އެފްއޭއެމް ބޮޑު ދަރަޏެއްގެ ތެރެއަށް ވެއްޓުނެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ސޯލިހުގެ އެހީގައި ނިއުއާއި ވިކްޓްރީ ސަލާމަތްކުރި ނަމަވެސް، ބައްސާމްގެ މައްސަލަތައް ފުލުހުން ތަހުގީގުކޮށް އޮކްޓޫބަރު 2023ގައި އެފްއޭއެމް އޮފީސް ރެއިޑްކުރިއެވެ.
ބައްސާމް ޕެރިހަށް ގޮސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އެހީތެރިކަމަށް އެދުނު ނަމަވެސް، ފުލުހުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓިއެވެ. ޖެނުއަރީ 2024ގައި އިންތިހާބު ބާއްވަން އުޅުމުން ފީފާއިން އެކަން ހުއްޓުވައި، ކޮވިޑް ފަންޑުގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވި މައްސަލާގައި އޭނާ ސަސްޕެންޑްކޮށް، އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރިއެވެ. ފަހުން ބޭއްވި އިންތިހާބު ޓޮމް ކާމިޔާބުކުރެއްވިއިރު، ބައްސާމްގެ މައްޗަށް އިތުރު ދައުވާތައް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. ފީފާގެ މި ނިންމުމަކީ ގެއްލުންތަކުން އަރައިގަންނަން މަސައްކަތްކުރާ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.