ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބައްސާމް އުމުރަށް ސަސްޕެންޑުކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާއިން ދޫކުރި ކޮވިޑް ރިލީފް ފަންޑަށް ޚިޔާނާތްތެރިވުމާއި، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާކަން ސާބިތުވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އުމުރު ދުވަހަށް ސަސްޕެންޑުކޮށް، 1.23މިލިއަން އެމެރިކާ ޑޮލަރުން ފީފާއިން އޭނާ ޖޫރިމަނާކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައާ ބެހޭ އެންމެ މަތީ އިދާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ބައްސާމް ވަނީ ފީފާގެ އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ ޚިލާފުވެފައެވެ. އޭގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދުމާއި، އިތުބާރު ގެއްލޭ ފަދަ އަމަލުތައް ހިންގުމުގެ އިތުރުން ކޮވިޑް- 19ގެ ދަތިކަމުން އަރައިގަތުމަށް ފީފާއިން ފޯރުކޮށްދިން މާލީ އެހީތެރިކަން ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.

މި މައްސަލައިގައި ބައްސާމްގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން، ފީފާއިން ވަނީ އަގީލް 10އަހަރު ދުވަހުގެ މުއްދަތަށް ފުޓްބޯޅައިން ސަސްޕެންޑުކޮށް، 100،000ސްވިސް ފްރޭންކުން ޖޫރިމަނާކުރުމަށް ނިންމާފައެވެ.

ފީފާގެ މި ހަރުކަށި ފިޔަވަޅުތައް އައިސްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ވެސް ބައްސާމްގެ މައްޗަށް ދަނީ ބޮޑެތި ތުހުމަތުތަކެއް ސާބިތުވަމުންނެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ ބޭރުގެ އެކި ޖަމިއްޔާތަކުންނާއި ފީފާއިން ލިބުނު ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް އަމިއްލަ ނަމުގައި ގަތް މައްސަލައެވެ.

ދިވެހި ފުލުހުންގެ ތަހުގީގަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި ދައުވާތައް ސާބިތުވެ، ކޯޓުން ވަނީ އެ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް އަމުރުކޮށް، ބައްސާމްގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އެހެން ނަމަވެސް، އޭނާގެ ސިއްހީ ހާލަތަށް ބެލުމަށް ފަހު މެޑިކަލް ބޯޑުގެ ލަފާގެ މަތިން މިހާރު ވަނީ އޭނާގެ ހުކުމް ގޭބަންދަށް ބަދަލުކުރެވިފައެވެ. ފީފާގެ މި ފިޔަވަޅާ އެކު، ބައްސާމް ވެފައި ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިވި އެންމެ އިސް އޮފިޝަލަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު