ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަމަނުޖެހުން ހިންގި ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ހަރުކަށި ފިޔަވަޅު!

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ފާހަގަކުރުމަށް މާލޭގައި ޖޫން 7ވަނަ ދުވަހު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގެ ފޯވާޑް އަލް އަމީން 15މެޗަށް އަދި މީރާޖުލް އިސްލާމް ދެ މެޗަށް ސަސްޕެންޑްކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މި ދެ ކުޅުންތެރިންނަށް އަދަބު ދިނީ ރެފްރީއާ ދެކޮޅަށް ހިންގި ނޭދެވޭ އަމަލުތަކާ ގުޅިގެންނެވެ. މިގޮތުން، މެޗުގެ އިންސާފުވެރިޔާ ސެންތިލްނާތަންގެ ނިންމުންތަކަށް ފާޑުކިޔައި، އޭނާއަށް ދެ ފަހަރެއްގެ މަތިން ހަމަލާދިނުމުގެ ސަބަބުން ރަތް ކާޑު ދެއްކި އަލް އަމީނަށް ވަނީ ބޮޑު ސަސްޕެންޝަނެއް އައިސްފައެވެ. އަދި ބެންޗުގައި އިނދެ، ރެފްރީއަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތްކުރުމުން މީރާޖުލް އިސްލާމަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކާއި، ބަންގްލަދޭޝްގެ ސީނިއާ ގައުމީ ޓީމު ވާދަކުރާ ރަސްމީ އެންމެހާ މުބާރާތްތަކެއްގައި ވެސް މި ސަސްޕެންޝަންގެ މުއްދަތުގައި މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ. 

1-1ގެ ނަތީޖާއަކުން އެއްވަރުވި މި މެޗުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވީ ރާއްޖޭގެ ކުޅުންތެރިޔާ ހަސަން އީނާޒަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު ބަންގްލަދޭޝްގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 42ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ކޯޗު މާރޫފުލް ހައްގަށް ރީނދޫ ކާޑެއް ދެއްކިއިރު، އޭގެ އެއް މިނެޓު ފަހުން ޓީމުގެ މެނޭޖަރު މުހައްމަދު ޝާހީން ހަސަން ވަނީ ސީދާ ރަތް ކާޑަކާ އެކު ދަނޑުން ފޮނުވާލާފައެވެ.

މެޗުގެ ފަހުކޮޅު ރާއްޖޭގެ އުންމީދީ ފޯވާޑް ނައްސާހު އިބްރާހީމް ނާސިރާއި އިދިކޮޅު ކުޅުންތެރިންނާ ދެމެދު ވެސް ކުރިމަތިލުންތަކެއް ހިނގިއެވެ. މިކަމާ ގުޅިގެން ދަނޑަށް ވަންނަން އުޅުނު ބަންގްލަދޭޝްގެ ސަޕޯޓަރުން ފުލުހުން ހަރަކާތްތެރިވެ ހުއްޓުވިއިރު، މެޗު ނިމުމުން ރެފްރީން ދަނޑުން ފައިބައިގެން ދާންޖެހުނީ ވެސް ސެކިއުރިޓީންގެ ހިމާޔަތުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު