ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުޓުބޯޅަ ހަލާކުނުކޮށް އިންފަންޓީނޯ އިސްތިއުފާދިނުމަށް ގޮވާލައްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިޓަލީގެ ނޫހަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ފީފާގެ ނިންމުންތަކަށާއި އެ އިދާރާގެ ހިންގުމަށް ފާޑުވިދާޅުވަމުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ހަލާކުނުކޮށް މަގާމުން އިސްތިއުފާދެއްވުމަށް ސްޕެއިންގެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގޮވާލައްވައިފިއެވެ. 

ޓެބާސް ވިދާޅުވި ގޮތުގައި އިންފަންޓީނޯގެ ޒައާމަތުގައި ފީފާއިން ނިންމަމުންދާ ގިނަ ކަންކަމާމެދު ފުޓުބޯޅަ އާއިލާގެ ބޮޑުބައެއް ތިބީ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެހެންކަމުން އިންފަންޓީނޯއަށް ފީފާގައި އޮތް ވަގުތު މިހާރު ފާއިތުވެއްޖެކަމަށާއި، މަގާމުން ދުރަށްޖެހިވަޑައިގަތުމަކީ ފުޓުބޯޅައަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތްކަމަށް އޭނާ ސީދާކޮށް ވިދާޅުވިއެވެ.

އިންފަންޓީނޯގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޓެބާސް ވަނީ ދާދިފަހުން ފީފާއިން ނިންމާފައިވާ އުސޫލުން ބޭރު ބައެއް ނިންމުންތަކުގެ މިސާލުތައް ނަންގަވާފައެވެ. އޭގެ ތެރޭގައި، ވޯލްޑް ކަޕް މެޗުތަކުގައި ކުޅުންތެރިންނަށް ފެންބުއިމަށް ހާއްސަ ވަގުތުކޮޅެއް ދިނުމާއި، މުބާރާތުގެ ފައިނަލް މެޗުގެ ހާފްޓައިމް ދިގުދަންމާލުމުގެ އިތުރުން، އެމެރިކާގެ ކުޅުންތެރިޔާ ބަލޮގަންއަށް ދެއްކި ރަތް ކާޑު ބާތިލުކޮށް ޖެހިގެން އައި މެޗުގައި ކުޅުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، 2034ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި 64ގައުމަށް ފުރުސަތު ދިނުމަށް ފީފާއިން ނިންމާފައިވާ ނިންމުމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫންކަމަށް ވެސް ޓެބާސް ވިދާޅުވިއެވެ.

ފީފާގެ އިސްވެރިޔާގެ މަގާމުން އިންފަންޓީނޯ އަމިއްލަފުޅަށް އިސްތިއުފާދެއްވާނެކަމަށް ގަބޫލުނުކުރައްވާކަން ހާމަކުރައްވަމުން ޓެބާސް ވިދާޅުވީ، އޭނާއާ ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓަކު ވެސް މިވަގުތު ފެންނަން ނެތް ކަމަށެވެ. ނަމަވެސް، އެމެރިކާގައި ކުޅެވުނު ވޯލްޑް ކަޕްގެ ތެރޭގައި ވެސް ފީފާގެ ރައީސްގެ ނިންމެވުންތަކާ މެދު ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، އޭނާއާ ދެކޮޅަށް އަޑުއުފުލާފައިވާކަން ލަލީގާގެ ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު