ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

2030ގެ ވޯލްޑްކަޕް ފައިނަލް ބާއްވާނެ ސްޓޭޑިއަމްއެއް އަދި ކަނޑައެއްނާޅާ!

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެން 2030ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނެ ވަކި ޤައުމެއް ނުވަތަ ސްޓޭޑިއަމެއް އަދި ކަނޑައަޅާފައި ނުވާކަމަށް، މޮރޮކޯގެ ފުޓުބޯޅަ އިދާރާގެ އިސްވެރިޔާ ދާދި ފަހުން ދެއްކެވި ވާހަކަތަކަކަށް ރައްދުދީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ހާމަކޮށްފިއެވެ.

މި މުބާރާތުގެ ފަހު މެޗު ކުޅޭނެ މައިދާނަކާ މެދު ފީފާއިން އަދި ގޮތެއް ނިންމާފައި ނުވާއިރު، އެ އިދާރާއިން މިކަން ސާފުކޮށްދީފައި މި ވަނީ، ފައިނަލް މެޗު އޮންނާނީ މޮރޮކޯގެ ބެންސްލިމާންގައިކަމަށް ރޯޔަލް މޮރޮކަން ފުޓުބޯލް ފެޑެރޭޝަނުގެ ރައީސް ފައުޒީ ލެކްޖާ ވިދާޅުވެފައި ވަނިކޮށެވެ. ފީފާއިން ބުނެފައި ވަނީ މުބާރާތުގެ ފައިނަލް ކުޅޭނެ ރަސްމީ ދަނޑެއް އިއުލާނުކުރާނީ ފަހުގެ ތާރީޚެއްގައި ކަމަށެވެ.

ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން ފައުޒީ ވަނީ، ބަޔަކު އެކަމާ ދެކޮޅު ހެދި ނަމަވެސް އަދި ބަހުސްކުރަން ބޭނުންވި ނަމަވެސް، ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ މޮރޮކޯގައިކަމަށް ވިދާޅުވެފައެވެ. އަދި އެ މެޗު ކުޅޭނީ ބެންސްލިމާންގައި އަލަށް އިމާރާތްކުރާ ހަސަން ދެވަނަ ސްޓޭޑިއަމްގައި ކަމަށާއި، އޭނާގެ އުންމީދަކީ އެ ފައިނަލްގައި މޮރޮކޯގެ ޤައުމީ ޓީމު ވާދަކުރުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފައުޒީގެ މި ވާހަކަތަކާ ގުޅިގެން މޮރޮކޯގެ ބޮޑުވަޒީރު އަޒީޒު އަކަނޫޝް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މުބާރާތް އިންތިޒާމުކުރުމުގައި ބައިވެރިވާ އަނެއް ދެ ޤައުމު ކަމަށްވާ ސްޕެއިން އަދި ޕޯޗުގަލްއާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި މިފަދަ ބޮޑު ނިންމުމެއްގެ ވާހަކަ ދެއްކުމަކީ ގޯހެކެވެ. މިއީ ވަރަށް ބޮޑު ނިންމުމެއްކަން ފާހަގަކުރައްވައި، މުބާރާތުގެ ބައިވެރިންނަށް އިހުތިރާމުކުރުމަށް ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މޮރޮކޯއިން ތާއީދުކޮށްދީފި ނަމަ ފައިނަލް މެޗު އެ ޤައުމަށް ދޭނެކަމަށް އިނގިރޭސި ނޫސްތަކުން ފަތުރަމުންދިޔަ ރިޕޯޓުތައް ފީފާއިން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.

މޮރޮކޯގައި އަލަށް ބިނާކުރާ ކިންގް ހަސަން ދެވަނަ ސްޓޭޑިއަމްއަކީ 115،000ސަޕޯޓަރުންގެ ޖާގައިގެ ބޮޑު ދަނޑެކެވެ. މިއަންނަ އަހަރުގެ ނިޔަލަށް އެ ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެ ޤައުމުން އަންނަނީ ބުނަމުންނެވެ. އާންމުގޮތެއްގައި ވޯލްޑް ކަޕް ފައިނަލް ކުޅޭނެ ދަނޑެއް ފީފާއިން އިއުލާނުކުރަނީ މުބާރާތާ ވަރަށް ގާތްވެފައި ވަނިކޮށެވެ. މިސާލަކަށް، 2026ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ނިއުޔޯކްގެ ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅޭނެކަން ފީފާއިން އިއުލާނުކުރީ ވެސް 2024ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު