ކުރިއަށް އޮތް ފީފާގެ ރިޔާސީ އިންތިހާބުގައި ޔޫރަޕުގެ ގައުމުތަކުގެ ތާއީދު ގެއްލިފައިވުމާ އެކު، މަގާމު ދިފާއުކުރެއްވުމަށް ޓަކައި އެފްރިކާ ބައްރުގެ ވޯޓު ކަށަވަރުކުރުމުގެ ގޮތުން 2030ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު މޮރޮކޯގައި ބޭއްވުމަށް ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވައިފިއެވެ.
ސްޕެއިންއާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެން ހޯސްޓްކުރާ މި މުބާރާތުގެ އެންމެ ފަހު މެޗު ކުޅުމަށް ކުރިން އެންމެ ބޮޑަށް މަސައްކަތްކުރަމުން އައީ ސްޕެއިނުންނެވެ. އެގައުމުގެ އަމާޒަކަށް ވެފައި އޮތީ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑްގެ ސްޓޭޑިއަމްގައި ފައިނަލް ކުޅުމަށެވެ. އެހެން ނަމަވެސް، މޮރޮކޯގައި ހުންނަ ފީފާގެ މަރުކަޒުގައި އެ އިދާރާގެ އިސް ވެރިންނާ އެކު ބޭއްވެވި މަޝްވަރާތަކަކަށް ފަހު، މޮރޮކޯގެ މުހައްމަދު ސްޓޭޑިއަމްގައި ފައިނަލް މެޗު ކުރިއަށް ގެންދިއުމުގެ ހިޔާލު އިންފަންޓީނޯ ވަނީ ފާޅުކުރައްވާފައެވެ.
ކުޅިވަރުގެ މުހައްލިލުން ސިފަކުރައްވާ ގޮތުގައި މިއީ، އިންފަންޓީނޯއާ ދެކޮޅަށް ޔޫރަޕުން ނުކުތުމުން އެކަމުގެ ރައްދުގައި އޭނާ އެޅުއްވި ފިޔަވަޅެކެވެ. ޔޫރަޕުން އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލަމުންދަނީ، ފީފާގެ މުބާރާތްތައް ހިންގުމަށް ހާއްސަ ވިޔަފާރި ކުންފުންޏެއް އުފައްދައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ފަރާތްތަކަކަށް އޭގެ 20އިންސައްތަ ހިއްސާ ދިނުމަށް އޭނާ މަސައްކަތްކުރެއްވި މައްސަލައިގައެވެ. އަންނަ މާރިޗު މަހު ބާއްވާ އިންތިހާބުގައި އޭޝިއާ، ކޮންކާކަފް އަދި ޔޫރަޕްގެ ގިނަ ގައުމުތަކަކުން އޭނާއަށް ވޯޓު ނުދޭނެކަން ވަނީ ހާމަކޮށްފައެވެ.
ސިޔާސީ ބޭނުމެއްގައި މޮރޮކޯއަށް ފައިނަލް މެޗު ދިނުމަށް އިންފަންޓީނޯ ނިންމެވި ނިންމެވުމާ ގުޅިގެން ސްޕެއިނުގެ ފުޓުބޯޅަ އިދާރާތަކުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.