ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

2030ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް ކަސަބްލަންކާގައި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ 2030ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗު، މޮރޮކޯގެ ކަސަބްލަންކާ ސަރަޙައްދުގައި އަލަށް ބިނާކުރާ ސްޓޭޑިއަމްގައި ކުޅުމަށް ނިންމާފައިވާކަން އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން ހާމަކޮށްފިއެވެ.

ސްޕެއިންގެ ނޫސްތަކުން ޚަބަރުދޭ ގޮތުގައި، މޮރޮކޯގެ ބޫޒްނިކާގައި އޮތް ބައްދަލުވުމެއްގެ ތެރެއިން އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފައުޒީ ލަކްޖާ ވަނީ ފައިނަލް މެޗު އޮންނާނީ ބެންސްލިމާންގައި ކަމަށް ވިދާޅުވެފައެވެ. މިއީ ކަސަބްލަންކާއާ ގާތްގަނޑަކަށް 60ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ. މި ސަރަޙައްދުގައި 1.2ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހަދާ "ހަސަން ދެވަނަ"ސްޓޭޑިއަމަކީ 115،000ކުޅިބެލުންތެރިންގެ ޖާގައިގެ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ދަނޑަށް ވެގެންދާނެއެވެ.

ފައިނަލް މެޗު ކުޅޭނެ ރަސްމީ ދަނޑެއް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ އެންމެ މަތީ އިދާރާ، ފީފާއިން އަދި ކަނޑައަޅާފައެއް ނުވެއެވެ. މޮރޮކޯއިން ފައިނަލް ބޭއްވުމަށް އަމާޒު ހިފާފައިވާއިރު، މުބާރާތް ހޯސްޓްކުރުމުގައި ދެން އެންމެ އިސްކޮށް ހަރަކާތްތެރިވާ ސްޕެއިނުން ވެސް ދަނީ ފައިނަލް މެޗު އެ ޤައުމުގައި ކުޅުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ އިސް އޮފިޝަލެއް ކަމަށްވާ ރަފައެލް ލޫޒާން ދާދިފަހުން ވަނީ ފައިނަލް ބާއްވަން އެންމެ އެކަށީގެންވަނީ ސްޕެއިންގައި ކަމަށް ވިދާޅުވެފައެވެ.

މޮރޮކޯގެ މި އިއުލާނާ ގުޅިގެން ފީފާއިންނާއި ސްޕެއިނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފައިނަލް މެޗު މޮރޮކޯއަށް ދިނުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ފެތުރުނު ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ފީފާއިން ވަނީ މިދިޔަ އޮގަސްޓު މަހު ކަށަވަރުކޮށްދީފައެވެ.

2030ވަނަ އަހަރުގެ މުބާރާތަކީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ ތަފާތު މުބާރާތެކެވެ. މިއީ ތިން ބައްރަކަށް ނިސްބަތްވާ ހަ ޤައުމެއްގައި މެޗުތައް ކުރިއަށްގެންދާނެ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފުރަތަމަ ތިން މެޗު އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ހުރިހާ މެޗެއް ކުރިއަށްދާނީ މައިގަނޑު ހޯސްޓުން ކަމަށްވާ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު