ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑްކަޕްގެ ފައިނަލް ކަސަބްލަންކާގައި ބާއްވާތީ ބޮޑުވަޒީރުގެ ނުރުހުން!

ޝެއާ ކުރޭ Facebook Telegram Viber X

2030ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު މޮރޮކޯގެ ކަސަބްލަންކާގައި ކުޅޭނެކަމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ފައުޒީ ލަކްޖާ އަމިއްލަފުޅަށް އިއުލާނުކުރެއްވުމާ ގުޅިގެން، މޮރޮކޯގެ ބޮޑުވަޒީރު އަޒީޒް އަޚަންނޫޝް އެކަމަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެއްޖެއެވެ.

ފީފާއިން ރަސްމީކޮށް ފައިނަލް ކުޅޭނެ ސްޓޭޑިއަމެއް އަދި ކަނޑައަޅާފައި ނުވާއިރު، ސިޔާސީ އެއްވުމެއްގެ ތެރެއިން ލަކްޖާ ވަނީ ބެންސްލިމާން ޕްރޮވިންސަށް އެ ޝަރަފު ލިބޭނެކަން ހާމަކުރައްވާފައެވެ. ނަމަވެސް ބޮޑުވަޒީރު އަޚަންނޫޝް ވަނީ، މުބާރާތް ހޯސްޓްކުރުމުގައި ބައިވެރިވާ އަވަށްޓެރި ސްޕެއިން އަދި ޕޯޗުގަލްއާ މަޝްވަރާކުރުމެއް ނެތި މިފަދަ ބޮޑު ނިންމުމެއް އިއުލާނު ނުކުރެއްވޭނެކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މައިދާނުގައި އެހެން ގައުމުތަކަށް އިހުތިރާމްކުރުމަށް ގޮވާލައްވާފައެވެ.

ކުރިއަށް އޮތް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ސިޔާސީ މަންފާއަކަށްޓަކައި ނުވަތަ އިންތިހާބީ ވައުދެއްގެ ގޮތުގައި މިފަދަ ހައްސާސް އަދި ބޮޑެތި މައްސަލަތައް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، 2030ގެ މުބާރާތް ގުޅިގެން ބާއްވާ ތިން ގައުމުގެ ތެރެއިން ފައިނަލް މެޗު ކުޅޭނެ ވަކި ގައުމެއް ނިންމާނީ އެންމެ މުނާސަބު ވަގުތުގައެވެ.

ބޮޑުވަޒީރުގެ މި ފާޑުކިޔުންތަކާ ގުޅިގެން ރޯޔަލް މޮރޮކަން ފުޓްބޯލް ފެޑެރޭޝަން (އާރްއެމްއެފްއެފް)އިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް ފައިނަލް އެމެރިކާގެ ނިއު ޖާޒީގައި ބާއްވާނެކަން ފީފާއިން އިއުލާންކުރީ ވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މުބާރާތަށް ހާއްސަކޮށްގެން ކަސަބްލަންކާ ސަރަހައްދުގައި މޮރޮކޯއިން އަންނަނީ 115،000ކުޅިބެލުންތެރިންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެއް ބިނާކުރަމުންނެވެ. 2027ވަނަ އަހަރަށް މުޅިން ނިންމުމަށް އަމާޒުހިފާފައިވާ މި ޕްރޮޖެކްޓުގެ 30އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު