ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމަށް ރޭ ކުޅުނު ފުރަތަމަ މެޗުގައި، ވާދަވެރި އޮޑި ސްޕޯޓްސް ކްލަބް 1-0ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ ފެށުން ކާމިޔާބުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާޒިޔާ އަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މާލޭގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މާ ބޮޑު ބަދަލުތަކެއް ފެނިފައެއް ނުވެއެވެ.
މެޗުގެ 12ވަނަ މިނެޓުގައި މި ޕެނަލްޓީ ވައްދާލައިގެން މާޒިޔާ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ތޯމަސް ކޫކޫއެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ ކުރީކޮޅު މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާނަށް އަނިޔާވެގެން ބަދަލުކުރުމުންނެވެ. އޮޑީގެ ގޯލްކީޕަރު މުހައްމަދު އަޝްވާންއަށް އެއްވެސް ފުރުސަތެއް ނުދީ ކޫކޫ މި ޕެނަލްޓީ ކާމިޔާބުކުރިއިރު، އޭނާ ވަނީ ދާދިފަހުން ކަޕްވިންނާސް ކަޕްގެ ފައިނަލްގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް މާޒިޔާއަށް ތަށި ކަށަވަރުކޮށްދިން ފަހު ޕެނަލްޓީ ވައްދާލާފައެވެ.
މާޒިޔާއަށް މި ޕެނަލްޓީ ހޯދައިދިނުމުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ލޫތު އިބްރާހިމްގެ މޮޅު މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މާޒިޔާގެ ފަހަތުން އަހްމަދު އައިހަމް (ފަތޯ)ކުރިއަށް ފޮނުވާލި ބޯޅައެއް ހޯދައި، އޮޑީގެ ހާފުގެ އަރިމަތިން އޭރިއާ ތެރެއަށް ލޫތު ވަދެގެން ދިޔައީ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ)އާއި މުޒުދާން ހަސަން ކަޓުވާލުމަށްފަހުއެވެ. ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލަން ލޫތު މަސައްކަތް ކުރަނިކޮށް، ހޮކޭ އޭނާގެ ފައިގައި އަތުން ހިފަހައްޓައި ވައްޓާލުމުން ރެފްރީ ޖާވިޒް މުހައްމަދު ވަނީ ވަގުތުން ޕެނަލްޓީއެއް ދީފައެވެ.
މިފަހަރުގެ ދިވެހި ލީގަކީ މާލޭން ބޭރުގައި، ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭ ފުރަތަމަ ފަހަރެވެ. އެގޮތުން ލީގުގައި ވާދަކުރާ ހއ. ދިއްދުއާއި ގދ. ގައްދޫގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެ ދެ ރަށުގައެވެ. ރޭގެ މެޗު ފެށުމުގެ ކުރިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ދަނޑުގައި ކުރިއަށްދިޔަ ނަމަވެސް، މާލޭގެ ދަނޑުން މާ ބޮޑު ފޯރިއެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ދިއްދުއާއި ގައްދޫގައި ކުޅޭ މެޗުތަކުގައި ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބަކާއި ފޯރިއެއް ފެންނާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.