ދިރާގު ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އޮޑި ސްޕޯޓްސް ކްލަބް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މެޗުން މޮޅުވުމުގެ ބޮޑު ޕްރެޝަރެއް އޮތީ މާޒިޔާއަށް ކަމަށް އޮޑީގެ ޕޯޗުގަލް ކޯޗު ރުއި ގްރެގޯރިއޯ ބުނެފިއެވެ.
ކުރިއަށް އޮތް މެޗާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ގްރެގޯރިއޯ ހާމަކުރި ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ލީގު ކާމިޔާބުކުރުމުގެ އިތުރުން، މި ފަހަރުގެ ސީޒަން ހުޅުވި ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފައިވުމަކީ މާޒިޔާއަށް އޮތް ހާސްކަން ބޮޑުވާނެ ކަމެކެވެ. ސަބަބަކީ އެ ކާމިޔާބީތައް ދިފާއުކޮށް، އެއީ އެ ޓީމަށް ހައްގު މޮޅުތަކެއްކަން ސާބިތުކޮށްދޭން މާޒިޔާއިން ފުރަތަމަ މެޗަށް ނުކުންނަން ޖެހުން ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، އޮޑި ސްޕޯޓްސް ކްލަބުން އައު ބިދޭސީ ކުޅުންތެރިންނާ އެކު މި ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ކޯޗު ވަނީ ޔަގީންކޮށްދީފައެވެ.
މިދިޔަ އަހަރު އޮޑިން ހޯދި ރަނގަޅު ނަތީޖާތައް ތަކުރާރުކުރުމަކީ އޭނާގެ ޓީމަށް އޮތް ބުރައެއް ނޫންކަން ފާހަގަކުރަމުން ގްރެގޯރިއޯ ބުނީ، މިހާރު ޓީމުގެ އެކުލެވުން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެގޮތުން، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި ގިނަ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އޮތްއިރު، ސީނިއާ ކުޅުންތެރިން އޭނާއާ އެކު ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަކަމަށް ކޯޗު ބުންޏެވެ.
މާޒީވެދިޔަ ސީޒަނުގެ ވާހަކަތަކަށްވުރެ ބޮޑަށް އޭނާ ސަމާލުކަން ދޭން ބޭނުން ވަނީ މިއަހަރުގެ އައު ސީޒަނަށްކަން ފާހަގަކޮށް، ގްރެގޯރިއޯ ބުނީ ކޮންމެ ޓީމަކުން ވެސް މި ފަހަރުގެ ލީގާ ކުރިމަތިލަނީ ވަރަށް ބޮޑެތި ބަދަލުތަކަކާއެކުގައި ކަމަށެވެ. ފުރަތަމަ ޑިވިޝަނުގައި އޮޑި ސްޕޯޓްސް ކްލަބުން ވާދަކުރާ މިއީ ދެވަނަ އަހަރު ކަމަށްވާއިރު، އެ ޓީމުން ވަނީ ފާއިތުވި ސީޒަނުގައި ލީގުގެ ރަނަރަޕްކަން ހޯދައި ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.